ހަބަރު

ހުކުމާމެދު ޕީޕީއެމް ޕީޖީ ގްރޫޕް ހިޔާލު ތަފާތުވެފައި!

ރައްޔިތުން މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ޕީޕީއެމް ޕީޖީ ގްރޫޕްގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ރައްޔިތުން މަޖިލީސް މެންބަރުން ޕާޓީގެ އުސޫލުތަކާ ހިލާފުވެގެން ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އެކަމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ސުޕްރީމް ކޯޓަށް ފާޑު ކިޔަމުން އަންނަ އިރު ޕީޕީއެމްގެ ތެރެއިން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް މެންބަރުން ވަނީ، ގޮނޑި ގެއްލުނަސް އަލުން ޕީޕީއެމްއާ ނުގުޅޭނެ ކަން ހާމަ ކޮށްފަ އެވެ.

ހުކުމާ ގުޅިގެން ޕީޕީއެމް ޕީޖީ ގްރޫޕްގެ ތެރޭގައި ވެސް ހިޔާލު ތަފާތުވެފައިވާ ކަން "އަވަސް" އަށް ވަނީ ކަށަވަރުވެފަ އެވެ. އެގޮތުން ރޭ އެ ޕާޓީގެ ޕީޖީ ގްރޫޕް ވައިބާ ގްރޫޕް ތެރޭގައި ވެސް ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ޖެހިފަ އެވެ. އެގޮތުން ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް "ބޭނުން ގޮތަކަށް ދެން ނޫޅެވޭނެ" ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ޕީޕީއެމްގެ އިސް ބައެއް މެންބަރުން އެކަން ސިފަ ކުރައްވަނީ މަޖިލީސް މެންބަރަކަށް ދިން އިންޒާރެއް ގޮތުގަ އެވެ.

މީގެ އިތުރުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު އިއްޔެ ވަނީ މީޑިއާގައި ސުޕްރީމް ކޯޓާ ދެކޮޅަށް ބައެއް އިދިކޮޅު ފަރާތްތަކުން ދައްކާފައި ހުރި ވާހަކަތައް ރީޓްވީޓް ކުރައްވާފަ އެވެ. ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ނިންމީ އެއީ ދުސްތޫރީ ހަޔާތުގައި ނުފެންނަ ވަރުގެ ހަދި އަމަލެއް ކަމަށް ބުނާ ހަބަރަކާއި ގާނުން އަސާސީ އުފެއްދި އެއްޗަކަށް އެއަށް ވުރެ މައްޗެއް ނުވެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ބުނެފައިވާ ހަބަރެއް ވެސް ރިޔާޒު ވަނީ ރީ ޓްވީޓް ކުރައްވާފަ އެވެ. ނަމަވެސް އެ ކަމާ ގުޅީގެން ރިޔާޒުގެ ފޯނަށް ގުޅުއްވި ނަމަވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅާ ދިނުމަށް އޭޖީ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅީ ވެސް ރައްޔިތުން މަޖިލީހުގެ ރައިސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަ 45 މެންބަރުންގެ ސޮޔާ އެކު ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.