ރިޕޯޓް

މާތް ﷲ ދެއްވި ރިޒްގްތައް ރައްކާތެރި ކުރަން ޖެހޭނެ

Apr 14, 2015

ކައިފައި ބާކީ ވާ ކާބޯތަކެތި ސިންކަށް ނުވަތަ ފާހާނާތައްޓަށް ނުވަތަ ކުނިވައްޓަށް އަޅާލުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟

ގިނަ އިސްލާމީ އިލްމްވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި މި ފަދަ "ލެފްޓްއޯވާ" ތަކެތި ފަހުން އަލުން ބޭނުން ކުރަން ބަހައްޓަން ޖެހެއެވެ. ނުވަތަ އެ ފަދަ ތަކެތީގެ ބޭނުން ކުރެވޭނެ މީހަކަށް ނުވަތަ ފަގީރަކަށް ދޭން ޖެހެއެވެ. ނޫނީ ކޮންމެ ވެސް ޖަނަވާރަކަށް ދިނުން މަޖުބޫރެވެ.

 

"ޕާން، މަސް އަދި އެހެނިހެން ބާވަތްތަކުގެ ކާނާ ކުނިވައްޓަށް އަޅާލުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. އެ ފަދަ ތަކެތި އެ ބޭނުން ކުރެވޭނެ ފަރާތްތަކަށް ދޭށެވެ. ނުވަތަ އެ ތަކެއްޗަށް އިހުތިރާމް ލިބިގެންވާ ގޮތަކަށް، އެންމެންނަށް ފެންނަ ތަނެއްގައި ބަހައްޓާށެވެ. އެއީ އެ ތަކެތި ފެނިގެން މީހަކު އޭނާ ގެންގުޅޭ ޖަނަވާރުތަކަށް ކާން ދޭން ގެންދިއުމަށެވެ. ނުވަތަ ޖަނަވާރާއި ދޫނި ފަދަ ދިރޭ ތަކެއްޗަށް އެ ކާބޯތަކެތި ފެނިގެން އައިސް އެ ތަކެތި ކެއުމަށެވެ."

އޭނާ ވިދާޅުވީ ކާބޯތަކެތި ޑަސްބިނަށް ލުމާއި އަދި އިހުތިރާމް ނުލިބޭ ފަދަ ގޮތަކަށް މަގުމައްޗަށް އަޅާލުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ މަގުމައްޗަށް އެޅުމުން އެ ތަކެއްޗަށް އިހުތިރާމް ނުލިބުމުގެ އިތުރުން، މަގުމަތި ބޭނުން ކުރާ މީހުންނަށް އުނދަގޫ ވާނެތީއެވެ.

 

"ހަޑި ތަންތަނަށާއި ފާހާނާ ފަދަ ތަންތަނަށް ކާ އެއްޗެހި އުކާލުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. ސަބަބަކީ އެއީ މާތް ﷲ ދެއްވި ރިޒްގް އަށް އިހުތިރާމާއި ޝުކުރު ނުކުރުމާއި އެ ރިޒްގް ބޭކާރު ކޮށްލުމެވެ."

މި ކަމުން ދޭހަވަނީ މާތް ﷲ އަހަރެމެންނަށް ދެއްވި ރިޒްގްތައް ރައްކާތެރި ކުރަން ޖެހޭނެ ކަމެވެ. ސަބަބަކީ އެ ތަކެއްޗާ މެދު ރައްކާތެރި ވުމަކީ އެ ތަކެއްޗަށް އިހުތިރާމްކޮށް، އެ ރިޒްގް އަހަރެމެންނަށް ދެއްވީތީ އެ ކަމަށް މާތް ﷲ އަށް އަހަރެމެން ޝުކުރުވެރި ވުމެވެ. އަދި އެ ރިޒްގްގެ ބޭނުން އޮތް ފަރާތަކަށް އެ ތަކެތި ފޯރުކޮށްދިނުމަށެވެ. އެއީ އެ ރިޒްގަށް ބޭނުން ޖެހިފައިވާ އެހެން އިންސާނެއް ނުވަތަ ހައިވާނެއް ހުރެދާނެތީއެވެ. އެހެންކަމުން، މި ކަމުން ދޭހަވަނީ، ކަމަކާ ނުލައި އެއްވެސް ކާނާއެއް އުކާލުމަކީ އެއްވެސް މުސްލިމަކަށް ހުއްދަ ނޫން އަމަލެއް ކަމެވެ.

ނަމަވެސް ކެއުން އެކަށީގެން ނުވާ ކާބޯތަކެތި، މިސާލަކަށް، ކުނިވެފައިވާ ކާނާ، ނުވަތަ ތިމާ ބޮއެ ބާކީވެފައިވާ ކޮފީ ނުވަތަ ސައި، އުކާލުމަކީ ހުއްދަ ކަމެއް ކަމަށް އިލްމްވެރިން ދެކެލައްވައެވެ.

 

"ނުކެވޭ ތަކެތި، މިސާލަކަށް، އާފަލާއި އޮރެންޖާއި ދޮންކޭލުގެ ތޮށި، އުކާލުމަކީ އެންމެ ރަނގަޅު ކަމެކެވެ. ސަބަބަކީ އެއީ އޭގެ ޒާތުގައި ކެވޭނޭ ތަކެއްޗެއް ނޫނެވެ."

އޭނާ އިތުރަށް ވިދާޅުވީ ކާބޯތަކެތިން ބާކީ ވާ ބައި އުކާލަން މަޖުބޫރު ވެއްޖެ ހާލަތެއްގައި އެ ތަކެތި އިހުތިރާމް ލިބިގެންވާ ގޮތަކަށް ކޮތަޅަކަށް ލާފައި، ކުނި އުކާލާ މީހުން ވެސް އެއަށް އިހުތިރާމް ކުރާނޭ ފަދަ ގޮތަކަށް ބެހެއްޓުން ލާޒިމް ކަމަށެވެ.