ހަބަރު

ސިންގަޕޫރަށް ފުރަން އުޅެނިކޮށް ގާސިމްގެ ޕާސްޕޯޓް ހިފަހައްޓައިފި

Jul 16, 2017
10

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިއްހީ ފަރުވާއަކަށް ސިންގަޕޫރަށް ފުރާވަޑައިގަންނަވަން ދިޔުމުން ޕާސްޕޯޓް ހިފަހައްޓާފައި ވާތީ އެމަނިކުފާނަށް ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު "އަވަސް"އަށް ވިދާޅުވީ ގާސިމްގެ ހާލަތު ހުރި ގޮތުން ޑޮކްޓަރުން އެދެނީ އަވަސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށާއި އެގޮތުން ސިންގަޕޫރަށް ވަޑައިގަތުމަށް މިރޭ 7:00 ހާއިރު އެއާޕޯޓަށް ވަޑައިގަތުމުން ޕާސްޕޯޓު ހިފެހެއްޓި ކަމަށެވެ.

"މިހާރު ޖިނާއީ އިޖުރާތުގެ ގާނޫން އޮންނަ ގޮތުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ކުރިން ކުރީބައިގަ އެ މީހަކަށް އެކަން އަނގަން ވެސް ޖެހޭ. ނަމަވެސް މިފަދަ ކަމެއް ވެސް ކުރައްވާފައި ނެތް. ސަރުކާރުން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކުރައްވާފައިވާ ކަމެއް،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި ގާސިމް މިހާރު ވަނީ އެނބުރި މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފަ އެވެ. ނަމަވެސް ގާސިމްގެ ހާލަތާ ބެހޭ އެއްވެސް ތަފްސީލް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ހާލު ދެރަ ކަމަށް ސަމީރު ވިދާޅުވި އެވެ. ގާސިމް މިއަދު މެންދުރު މެޑިކާ ހޮސްޕިޓަލްގައި އެޑްމިޑް ކުރީ ކާރުގައި އިންނަވަނިކޮށް އެމަނިކުފާނު ބޯ އަނބުރާ ގަނެ ހޮޑުލަވަން ފެށުމުން އެވެ.

އެމަނިކުފާނަށް ފުރާވަޑައިގެންނެވޭ ގޮތެއް ނުވުމުން ގާސިމް މިހާރު ވަނީ، މާލެ ގެނެސް އޭޑީކޭގައި ފަރުވާދޭން ފަށާފައި ކަމަށް ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވި އެވެ. މިއަދު އެމަނިކުފާނުގެ ޝަރީއަތް މެންދުރު 2:00 އަށް ތާވަލްކުރި ނަމަވެސް އެމަނިކުފާނު އެޑްމިޓްކުރުމާ އެކު އެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.

ގާސިމްގެ މައްޗައް ކުރާ ދައުވާތަކަކީ ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ. ޕީޖީގެ ވަކީލުން ހާޒިރުނުވެގެން އެ ދައުވާތައް ވަނީ މީގެ ކުރިން ކޯޓުން ބޭރުކޮށްފަ އެވެ.