ވިޔަފާރި

ފިނޭންސްގެ 25 ބުރީގެ އިމާރާތް ހަދަން ފަށައިފި

  • ޖުމުލަ 800 އަށްވުރެ ގިނަ ޕައިލް ޖަހާނެ
  • މަސައްކަތުގެ އަގަކީ 1.8 ބިލިއަން ރުފިޔާ
  • އަންނަ އަހަރު އިމާރާތް އެއްކޮށް ނިމޭނެ

ހުޅުމާލޭގައި އަޅާ، ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ 200 އަށްވުރެ ގިނަ ޕައިލް ޖަހައި، މަސައްކަތް ހަލުވި ކޮށްފައިވާ ކަމަށް ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ހުޅުމާލޭގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ 25 ބުރީގެ އިމާރާތުގެ މަސައްކަތް ވަރަަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި މި މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށެވެ.

"މިހާރު މަސައްކަތް ކުރިއަށްދާ ބާރުމިނުގައި އުންމީދު ކުރެވޭ އިމާރާތުގެ މަސައްކަތް އެއްކޮށް އަންނަ އަހަރު ނިމޭނެ ކަމަށް،" ސައިމަން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް އަޅަން ފެށުމުގެ ކުރިން 25 މީޓަރު އަޑިޔަށް 800 އަށްވުރެ ގިނަ ޕައިލް ޖަހާނެ އެވެ. މިގޮތުން މި ޕައިލްތަކުގެ ތެރެއިން މިހާރު 230 ޕައިލް ވަނީ ޖަހާފަ އެވެ.

އެޗްޑީސީގެ އޮފިޝަލަކު "އަވަސް" އަށް އިއްޔެ ވިދާޅުވީ ޕައިލް ޖެހުމުގެ މަސައްކަތް ދެ މަސް ތެރޭގައި ނިމޭނެ ކަމަށެވެ.

"މިހާރު ޕައިލް ޖަހަމުން މިދަނީ ތިން މެޝިނުން. ނަމަވެސް މިހާރު އިތުރު ހަތް މެޝިން ގެނައުމުން މަސައްކަތް އިތުރަށް ހަލުވި ވެގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މި އިމާރާތުގެ މަސައްކަތް ކުރަނީ 122.7 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) އަށް މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ކޮންސްޓްރަކްޝަން ކުންފުނިންނެވެ. މިތަން ހަދަނީ ޕައިލިން މަސައްކަތް ނިމުމުން އިމާރާތުގެ ބައިތައް ގެނެސް ރާވާލާ ގޮތަށެވެ. އެންމެ ފުރަތަމަ މި އިމާރާތް ހެދުމަށް ނިންމީ މިިހާރު ފިނޭންސް މިނިސްޓްރީގެ ފުރަގަހުން އޮންނަ ހުސްބިމުގަ އެވެ. އެހެން ނަމަވެސް އެފަދަ ބޮޑު އިމާރާތެއް މާލޭގައި ހެދުމަކީ މަސައްކަތުގެ ގޮތުން ވަރަށް އުނދަގޫ ކަމަކަށް ވާތީ ފިނޭންސް މިނިސްޓްރީ އިން ނިންމީ އެ އިމާރާތް އެޅުން ހުޅުމާލެއަށް ބަދަލު ކުރުމަށެވެ.