ރިޕޯޓް

ކުޑަ ރަށެއް ނޫން! ބޮޑު އުންމީދެއް!

Jul 17, 2017
9
  • ސޯޝަލް ހައުސިންގެ ހަތްހާސް ފްލެޓު
  • މަސައްކަތް އަންނަ އަހަރު ނިންމާލާނެ
  • މަސައްކަތް ފަށަން އެންމެ ފަހުގެ ތައްޔާރީ

ވ. އަތޮޅުގެ މުޅި އާބާދީއަކީ ދެހާހާހެންހާ މީހުންނެވެ. އެކަމަކު އަހަރެން މިހާރު މި ހުރި ސަރަހައްދުގައި އަޅާ ގެތަކުގައި އެއް ފަހަރާ ދެހާހަށް ވުރެ ގިނަ މީހުންނަށް އުޅެވޭނެ އެވެ. އެމީހުން ކެއިން ބުއިމުގެ ހުރިހާ ކަމެއް މި ތަނުން ފުއްދޭނެ އެވެ. މިއީ ހުޅުމާލެ، ދެވަނަ ފިޔަވައްސަށް އަންނަން ތައްޔާރުވާ ހަތްހާސް ފްލެޓުގެ މަސައްކަތް ކުރާ މަސައްކަތްތެރިންގެ "ގެތަކެވެ" އުންމީދުގެ ސަހަރުގެ ގޮތުގައި ދެކޭ ހުޅުމާލޭގައި އަޅާ ހަތްހާސް ފްލެޓުގެ މަސައްކަތް ހިނގައިގެންފި އެވެ. މިހާރު މިއީ ކުޑަ ރަށެއް ނޫން!، ބޮޑު އުންމީދެކެވެ.

"ތިޔަ ފެނިވަޑައިގަންނަވަނީ ލޭބަރުން [މަސައްކަތް ކުރާ މީހުން] ތިބެން ހަދާ ސަރަހައްދު. އެއް ފަހަރާ ދެހާސް ފައްސަތޭކަ މީހުންނަށް މި ތަނުގައި ތިބެވޭނެ. ކުރި އަށް އޮތް މަހެއް ދެ މަސް ތެރޭގައި މި ތަން ނިންމާލާނެ،" ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވި އެވެ.

ހަތްހާސް ފްލެޓަށް ތައްޔާރުކޮށް އަޅާފައިވާ މަސައްކަތްތެރިންގެ ގެތަކުގައި އެމީހުންގެ ހުރިހާ ހިދުމަތެއް ބަރާބަރަށް ދަނީ ފައްކާ ކުރަމުންނެވެ. ނިދުމާއި ކެއުމާއި ކުޅިވަރު ކުޅެވޭނެ ގޮތާއި ބޭސް ފަރުވާ އަށް ހާއްސަ ކްލިނިކެއް ވެސް ހުންނާނެ އެވެ. މިތަނުގައި ދެހާސް ފައްސަތޭކަ މީހުން މަސައްކަތް ކުރާއިރު މި ހުރިހާ މީހުން ސައުވީސް ގަޑިއިރު ހަތަރު ދަންފަޅި އަށް ބަހާލައިގެން މަސައްކަތް ކުރާނެ އެވެ.

ހަތްހާސް ފްލެޓަށް ކޮން ތައްޔާރެއް؟

ހަތްހާސް ފްލެޓުގެ ބިންގާ އެޅުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ ފެށިފަ އެވެ. އަހަރެން މިހާރު މިހުރި ތަން ވަށައިގެން ނަޒަރު ހިންގާލާއިރު މީގެ ހަތަރު މަސް ކުރިއާ އަޅާ ބަލާއިރު މިވަނީ "ހާސްބައި" ތަފާތުވެފަ އެވެ. އެންމެ ބޮޑު އެއް ތަފާތަކީ ހަތްހާސް ފްލެޓަށް ގެނެސްފައިވާ ސާމާނެވެ. މި ފްލެޓުތަކަށް ބޭނުންވާ ހިލަ އާއި ވެލީގެ ބޮޑު ބައެއް ގެނެސްފައިވެ އެވެ. މީގެ އިތުރުން މަސައްކަތް ހިނގާ ގޮތް ބަލައި، އިމާރާތް ކުރަން ބޭނުންވާ ސާމާނު ތަހުލީލު ކުރަން ހަދާ ލެބޯޓެރީގެ މަސައްކަތް ވެސް ނިމިއްޖެ އެވެ. އަދި މިތަނުގައި ބޮޑު މާސިންގަހަ ދެ ބެޗިން ޕްލާންޓު ދަނީ ބަހައްޓަމުންނެވެ. ދެން އެންމެ އަވަހަށް މި ތަނަށް ގެނެސް އަޅާލާނީ 50،000 މެޓްރިކް ޓަނުގެ ހިލަވެއްޔެވެ.

އެޗްޑީސީ އިން މަސައްކަތް ކުރަނީ ހުޅުމާލޭގައި "އެންމެ ގާބުރިއެއް ވެސް" އެއް ކުންފުނީގެ ބެލުމުގެ ދަށުން ނޫނީ ނުބަހައްޓާ ގޮތަށް ފުރިހަމަ އަށް ފާރަވެރިވެގެންނެވެ. އެކަމަށް އެ ކުންފުނި ވަނީ ތައްޔާރުވެފަ އެވެ.

"ކުރިން ކަންތައް ވެފައިވާ ގޮތުން އިބުރަތް ހާސިލްކޮށް މިހާރު އަޅުގަނޑުމެންގެ ފުރިހަމަ ބެލުމުގެ ދަށުން މަސައްކަތް މިދަނީ. ކުރީގެ ސަރުކާރު ތަކުން އެބަހުރި މަސައްކަތް ހަވާލުކޮށް ނުބެލެހެއްޓުމުން ކޮލިޓީގައި މައްސަލަ ޖެހިފަ. އެހެންވެ އެކަމަށް ބަލައި މިތަނުގައި އަޅުގަނޑުމެންގެ 80 މުވައްޒަފުން 24 ގަޑިއިރު މަސައްކަތް ކުރާނެ،" ސައިމަން ވިދާޅުވި އެވެ.

ހަތްހާސް ފްލެޓުގެ ހާއްސަ ކަމަކީ؟

ހުޅުމާލޭގައި ބައިވަރު ފްލެޓު އެބަ އަޅަ އެވެ. މި ފްލެޓުތަކުގައި މުޅިންވެސް ހިމެނެނީ މެދު ފަންތި އާއި އެންމެ މަތީ ފަންތީގެ ފްލެޓު ތަކެވެ. މި ފްލެޓުތަކުގައި އަގު އުޅެނީ އާއްމުކޮށް 3-5 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. މަހުން މަހަށް ބަހާލާނަމަ އެއީ ގާތްހަނޑަކަށް 22،000ރ. އާއި 40،000ރ. ވަރު ދައްކަން ޖެހޭނެ އެވެ. އެކަމަކު މިހާރު ފަށަން ތައްޔާރުވެފައިވާ ހަތް ހާސް ފްލެޓު މި ތަންތަނާ ތަފާތު ވާނެ ކަމަށް އެޗުޑީސީން ބުނެ އެވެ. ސުވާލަކީ ތަފާތަކީ ކޮބައި ހެއްޔެވެ؟

އެޗްޑީސީގެ އެމްޑީ ސައިމަން ވިދާޅުވީ ހަތްހާސް ފްލެޓުގެ އެންމެ ބޮޑު ތަފާތަކީ އަގު ކަމަށާއި، މި ފްލެޓުތަކަކީ އިޖުތިމާއި ބޯހިޔާވަހި ކަމަށްހާއްސް "ސޯޝަލް ހައުސިން" ކަމަށެވެ.

"ފްލެޓުތަކަށް ބޭނުންވާ ފައިނޭންސް ވެސް މިހާރު ވަނީ ހަމަޖެހިފަ. ބޭންކުތަކާއެކު މިދަނީ ސޮއިކުރަމުން. ލޯނުތައް ނަގަަމުން މިދަނީ އެންމެ ރަނގަޅު ކޮންޑިޝަންގައި. އެހެންނޫނީ އަޅުގަނޑުމެން ކިހިނެއްތޯ؟ ސޯޝަލް ހައުސިން މަޝްރޫއަކަށް ދާނީ،" ސައިމަން ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން، 25 ބުރީގެ 16 ޓަވަރު ހުންނާނެ އެވެ. މި މަސައްކަތް ކުރަނީ ހައުސިން ޔުނިޓް އަޅަން ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) ގެ ލޯނާއެކުގަ އެވެ. އެ މަޝްރޫއު ކުރިޔަށް ގެންދާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން މިހާރު އަންނަނީ އަމަލީ ބައެއް މަސައްކަތް ކުރަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފެންނާނެ ހަތްހާސް ފްލެޓު ވެސް އަންނަ އަަހަރު ނިމޭނެ އެވެ. އަދި އަންނަ އަހަރު މިތަނަށް މީހުން ވަދެވުން ވެވެގެންދާނީ ހަތްހާސް އާއިލާ އަށް ބޯހިޔާވަހިކަން ޔަގީންވާން ހުޅުވޭނެ ދޮރަކަށެވެ. އެހެންވެ މިހާރު މއިީ ކުޑަ ރަށެއް ނޫން!، ބޮޑު އުންމީދެކެވެ.