ކޮލަމް

ކޮލަމް ފޮޅުވަތް: ކެމްޕޭން ނިމުނުއިރު އެޗްޑީސީ "ދޮވެލައިފި"!

Oct 14, 2018
21

ހެޔޮ އަގެއްގައި ހުޅުމާލެއިން 400 ބިން ވިއްކުމުގެ މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ވަދެ ހާވާ ބެލިއިރު ސަރުކާރުން އެ ގޯތިތައް ވިއްކަނީ ހުޅުމާލެ ހިންގާ، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުން އެ ކުންފުނި ސަލާމަތްކުރުމުގެ ބޭނުމުގަ އެވެ. އެކަމަށް ސަރުކާރުގެ ތެރެއިން ހޯދި ހައްލަކީ، އަކަފޫޓެއް 300-400 ރުފިޔާގެ މަގުން، 400،000 ރުފިޔާއަށް 400 ގޯތި މާލޭގެ ރަށްވެހިންނަށް ވިއްކުމެވެ. ގޯތި ގަންނަން އެޑްވާންސްގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިޔާ އެވެ. ބާކީ ބައި 10 އަހަރު ތެރޭ ބަހާލައިގެން ދެއްކެ އެވެ. ހައުސިން މިނިސްޓްރީ އިން އިއުލާން ކުރި ގޮތަށް، 25،000 ރުފިޔާ ދައްކައިގެން 400 ގޯތި ވިއްކިއްޖެ ނަމަ، އެޗްޑީސީއަށް 10 މިލިއަން ރުފިޔާ ލިބޭނެ އެވެ. ސުވާލަކީ އެޗްޑީސީގެ ހަރުމުދާ ވިއްކައިގެން އެވަރުގެ
އަދަދެއްގެ ފައިސާ ހޯދަން ޖެހޭ ހާލަތައް ކުންފުނި ވެއްޓުނީ ކީއްވެ ހެއްޔެވެ؟

ކެމްޕޭނަށް ހަރަދު ކުރިކަމުގެ ތުހުމަތު

ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ވުމަށް ހިންގި ރިޔާސީ ކެމްޕޭންގައި އެންމެ ފޯރި ގަދަ ސިޓީއަކީ ޔޫތް ސިޓީގެ ގޮތުގައި މަޝްހޫރުވެފައި އޮތް ހުޅުމާލެ އެވެ. އެ ސިޓީގެ މަގުތަކާއި ގޯޅިތައް އޮތީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ބެނާތަކާއި ވެރިކަން ކުރާ ޕާޓީގެ ދިދަތަކުން ފުރާލައިފަ އެވެ. އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި އާންމު ތަންތަނުގައި ރައީސް ޔާމީންއަށް ސަޕޯޓް ހޯދުމުގެ ކެމްޕޭން ހަރަކާތްތައް ކޮންމެ ދުވަހަކު ބާއްވަ އެވެ. އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ނޫނީ ނުބޭއްވޭ ވަރުގެ ކުލަގަދަ ހަފްލާތައް އެ ސިޓީއަށް އެކަނި ހާއްސަކޮށް ރޭވި އެވެ. ޔަގީންވާ ކަމަކީ، އެ ހަރަކާތްތައް ރޭވުމުގައި އިސްކޮށް އުޅުނީ އެޗްޑީސީގެ މުވައްޒަފުން އެވެ. އަދި އެ ހަރަކާތްތަކުގެ ލޮޖިސްޓިކްސް ކަންކަމުގައި، އެޗްޑީސީގެ ޕިކަޕްތަކާއި އެ ކުންފުނީގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް ހަރަކާތްތެރިވި އެވެ. މި ހުރިހާ ކަމެއް ހިނގީ އެންމެން ލޯމަތީގަ އެވެ. އެޗްޑީސީގެ ތެރެއިން ރައީސް ޔާމީންގެ ކެމްޕެއިނަށް ހަރަދުތަކެއް ކުރިކަން ތުހުމަތު
ކުރަނީ މި ސަބަބުތަކާ ހުރެ އެވެ.

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ތުހުމަތު ކުރެއްވި ގޮތުގައި، ޕީޕިއެމްގެ ރިޔާސީ ކެމްޕޭންގެ ހަރަކާތްތަކުގެ ތެރެއިން ހުޅުމާލޭގައި ބޭއްވީ ހަރަކާތްތަކުގެ ކެއިން ބުއިމަށް ކުރަން ޖެހުނު ހަރަދުތައް ކޮށްފައި ވަނީ އެޗްޑީސީގެ ބަޖެޓުން އެވެ. އަދި ދިދަ ފަތި ދެމުމާއި ބެނާ ހެދުން ފަދަ ކަންކަމަށް ސާމާނާއި ވަސީލަތްތަކަށް ހަރަދުކޮށްފައި ވަނީ އެޗްޑީސީގެ ބަޖެޓްގެ ތެރެއިން ކަމަށް މަހުލޫފް ތުހުމަތު ކުރެއްވި އެވެ.

ފެނުނު މަންޒަރުރަކުން ޔަގީންވާ ކަމަކީ އެޗްޑީސީގެ ވަސީލަތްތައް ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގައި ވަރަށް ފުރިހަމަޔަށް ބޭނުންކުރިކަމެވެ. ތުހުމަތަކީ، ދިދަ ފަތި ދަމަން އުޅުނު އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެނީ އެޗްޑީސީގެ ބަޖެޓުން އެވެ. އެވަރުން ނުވެގެން އެ ވަގުތަށް އޯޓީ ދެނީ ވެސް އެޗްޑީސީގެ މުސާރަ ޝީޓްގައި ޖަހައިގެން އެވެ. ކެމްޕޭންގެ ކަންކަމަށް ބޭނުންކުރި އެޗްޑީސީގެ ޕިކަޕްތަކަށް ތެޔޮ އަޅާފައި ހުރީ އެޗްޑީސީގެ ލާރިން އެވެ. ހުޅުމާލޭގެ އެކި ހިސާބުތަކުގައި ޖަހާފައި ހުރި ބޮޑެތި ޕޯސްޓަރުތައް ފެންނާނެހެން އަލިކުރުމަށް ކަރަންޓް ދީފައި ހުރީ، އެޗްޑީސީއަށް ބިލް ކުރާ ގޮތަށެވެ. މި ހުރިހާ ކަމަކަށް އެޗްޑީސީގެ ބަޖެޓްގެ ތެރެއިން ކިހާ ފައިސާއެއް ހަރަދުވި ހެއްޔެވެ؟ މިއީ މިނިވަން
އޮޑިޓަކުން ނޫނީ އެނގެން ވެސް ނެތް ކަންކަމެވެ.

މުޅި ހުޅުމާލެ އޮތީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭން ޓީމްގެ މިލްކަކަށް ހަދައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ކެމްޕޭން ކުރުމަށް ގާތްގަނޑަކަށް އޮތީ ފުރުސަތު ނުދީ އެވެ. އިދިކޮޅު ކެންޑިޑޭޓް، އިބޫގެ ބެނާއެއް ދިދައެއް ދެމިޔަސް އެކަން ކުރީ އެޗްޑީސީގެ ހުއްދަ ނުނަގާ ކަމަށް ބުނެ މުވައްޒަފުން ފޮނުވައިގެން އެތަކެތި ނަގާ އުކާލަ އެވެ. ޖަގަހައެއް ހަދައިފިއްޔާ އެކަން ކުރީ އެޗްޑީސީއިން ބިން ދޫކުރި މަގުސަދާ ހިލާފަށް ކަމަށް ބުނެ އެ ޖަގަހަ ބަންދު ކުރަން އަންގަ އެވެ. މިއީ އެޗްޑީސީގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާފައި ހުރި، ވިޔަފާރީގެ އުސޫލުތަކާ ގުޅުމެއް ނެތް ހަރަކާތްތަކެވެ. މީގެ ހިތި ނަތީޖާ ފެންނަން މި ފެށީ އަދި ކިރިޔާ އެވެ. ކުންފުނި މާލީ މައްސަލަތަކުގެ ތެރެއަށް ވެއްޓި އެ ކުންފުނީގައި އޮތް ހަމައެކަނި ހަރުމުދާ، ހުޅުމާލޭގެ ބިން ވިއްކާލަން ޖެހުނީ އެވެ. އެކަން ވެސް ކުރަން މިޖެހެނީ ހަރުދަނާ
އުސޫލެއް ނެތި ވަކި ބަޔަކަށް މަންފާވާނެ ގޮތަށް ކަމަށް ތުހުމަތުވާ ގޮތަށެވެ.

އެކަމަކު މީގެއިން އެއްވެސް ކަމަކަށް ޖަވާބު ދޭން އެ ކުންފުނީގެ ވެރިން ބޭނުމެއް ނުވެ އެވެ. މިކަންކަމަށް މައުލޫމާތު ހޯދަން ގުޅިޔަސް އެބޭފުޅުން ފޯނެއް ނުނަންގަވަ އެވެ. ހައުސިން މިނިސްޓަރު ވިދާޅުވަނީ އެޗްޑީސީގެ ކޭޝް ފްލޯއަށް އަސަރުކޮށްގެން އުޅޭ މައްސަލައިގައި ސުވާލު ކުރަން ޖެހޭނީ އެ ކުންފުންޏާ ކަމަށެވެ. އެކަމަކު އެ ކުންފުނި އޮތީ މައުލޫމާތު ހާމަކުރުމުގެ ރޫހެއްގައެއް ނޫނެވެ. އިސްވެރިން ގުޅީމާ ފޯނެއް ނުނަންގަވަ އެވެ. އެ ކުންފުނީގެ ކޭޝް ފްލޯ
ދަށްވުމުން އެކަން ހާމަކުރުމުގެ އެއްވެސް ވިސްނުމެއް އެ ކުންފުނީގައި ނެތެވެ.

ކުންފުނި ނޭވާ ހޮޅިއަށް އެޅިފައި

އެޗްޑީސީއަކީ ހުޅުމާލެ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ހަވާލުވެފައިވާ ކުންފުންޏެވެ. އެތަނުން ބިން ކުއްޔަށް ދިނުމާއި ވިއްކުމާއި ކުއްޔަށް ދީފައިވާ ބިންތަކާއި ފްލެޓްތަކުން ފައިސާ ނެގުމާއި މި ހުރިހާ ކަމެއް އޮންނަނީ އެޗްޑީސީގެ ބެލުމުގެ ދަށުގަ އެވެ. އެ ކުންފުނީގެ މެންޑޭޓަށް ބަލާއިރު އެ ކުންފުންޏަކީ އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭނެ ކުންފުންޏެކެވެ. ސަބަބަކަށް ވަނީ، ސޯޝަލް ހައުސިން ސްކީމުން ދޫކޮށްފައިވާ ފްލެޓްތަކުން ދައްކާ ފައިސާއާ ހަވާލުވަނީ އެ ކުންފުންޏެވެ. ބިންތަކުން ލިބޭ ކުއްޔާއި އާމްދަނީ ވަންނާނީ އެ ކުންފުންޏަށެވެ. މި ހުރިހާ ސަބަބެއް އެކުވެގެން އެޗްޑީސީގެ ތެރޭގައި ރަނގަޅު ކޭޝްފްލޯއެއް އޮންނަން ވާނެ އެވެ. އެކަމަކު ސުވާލަކީ މިހުރިހާ ދުވަހު ކޭޝްފްލޯ މަދުނުވި ވަރަކަށް
ރިޔާސީ އިންތިހާބަށް ފަހު ކުންފުނީގެ މާލީ ހާލަތު ދަށްމިވީ ކީއްވެ ހެއްޔެވެ؟

އާންމުވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެކި ނަންނަމުގައި ކެމްޕޭންގެ ހަރަކާތްތަކަށް އެ ކުންފުނީގެ ބަޖެޓުން 20
އަކަށް މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ ހަރަދުތަކުގެ ތެރޭގައި ހުޅުމާލޭގައި ރައީސް ޔާމީންގެ ކެމްޕޭން ޖަގަހައެއް ހެދުމާއި، ޖަގަހައިގެ ކެއުމުގެ ކަންކަން ހަމަޖެއްސުމާއި ކެމްޕޭން އެސްއެމްއެސްއަށް ޕޯޓަލްއެއް ގާއިމް ކުރުން އަދި ޖަގަހައަށް ގޮނޑި ގަތުން ފަދަ ކަންކަން ކުރީ ސީދާ އެޗްޑީސީގެ ބަޖެޓުން ކަމަށް ތުހުމަތު ކުރެވޭނެ ކަންކަން އެބަ ފެންމަތިވެ އެވެ. ހުޅުމާލޭގައި ޖެހި ރައީސް ޔާމީންގެ ޕޯސްޓަރުތައް ހެދުމާއި ހަވާލުވީ ވެސް އެޗްޑީސީ ކަމުގެ ތުހުމަތު ވެސް އެބަ އޮތެވެ. ރިޔާސީ ކެމްޕޭނެއްގެ ހަރަދު ތަކާ އެޗްޑީސީ ހަވާލުވީމާ އެ ކުންފުނި ވެއްޓޭނީ ދަށު ހާލަތަކަށެވެ.

ވަކި މީހެއްގެ ސިޔާސީ ކެމްޕޭނަކަށް ސަރުކާރު ކުންފުންޏެއްގެ ވަސީލަތްތައް ބޭނުންކޮށް ބޮޑެތި ހަރަދުތައް ކުރުމަކީ ނާޖާއިޒު ފައިދާ ހޯދުން ކަމުގައި ބެލެވޭނެ އެވެ. އަދި އެއީ ރަތްލާޖެހި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެވެ. ކުންފުނިން ކުރަން ނުޖެހޭ މެންޑޭޓުން ބޭރު ބޭކާރު އެތައް ހަރަދެއް ކުރަން ޖެހުމުގެ ނަތީޖާއަކަށް މި ވަނީ ކުންފުނި މަރަށް ތެޅޭ ހިސާބަށް ދިޔުމެވެ.

އިންތިހާބާ ދިމާކޮށް އެ ކުންފުންޏަށް 100 އެއްހާ އިތުރު ވަޒީފާ އުފެއްދި އެވެ. އަދި އެ ވަޒީފާތަކަށް މީހުން ލައި ކުންފުނީގެ ޕޭރޯލްގެ ތެރެއިން ދިޔައީ މުސާރަ ދެމުން އެވެ. އެކަމަކު އެ މުވައްޒަފުން އޮފީހަށް ނުނިކުންނައިރު، ކުންފުނީގެ މަސައްކަތެއް ވެސް އެ މީހުން ނުކުރާކަން އެއީ އެންމެން ދަންނަ ކަމެކެވެ. އޭގެ ތެރެއިން ގިނަ މީހުން އުޅުނީ، ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކުގަ އެވެ. ރައީސް ޔާމީންއަށް ތާއީދު އިތުރު ކުރުމުގަ އެވެ. ކާޑް ޖަހާލާފައި ގޮސް ޕީޕީއެމްގެ ޖަގަހައިގައި މަސައްކަތް ކުރީމާ މުސާރަ ދެނީ އެޗްޑީސީއިން އެވެ. މިއީ، އެޗްޑީސީއަށް ކޮން ފައިދާއެއްވާ މުވައްޒަފުންނެއް ހެއްޔެވެ؟ މި މީހުންނަށް ކުންފުނީގެ ބަޖެޓުން އެތައް ލައްކަ ރުފިޔާއެއް ހަރަދުވާނެ އެވެ. އެކަމަކު އެ ހަރަދުކޮށްގެން ކުންފުންޏަށް ޒައްރެއްގެ މިންވަރު ވެސް ފައިދާއެއް ނެތެވެ.

ވިޔަފާރީގެ ވިސްނުން އެއްފަރާތްކޮށް ސިޔާސީ ނިންމުންތަކަށް ކުންފުނީގެ ބޯޑް ދީލައިލުމުން ނަތީޖާއަކީ، މީގެ ކުރިން އަމިއްލަ ފައިމަތީގައި ހުރި އެޗްޑީސީ ނޭވާ ހޮޅިއަށް އެޅުމެވެ. އެންމެ ފަހުން އޭގެ ބުރަ މި ނަގަން ޖެހުނީ ނިކަމެތި ރައްޔިތުން އެވެ. އެ ރައްޔިތުންގެ އަތުގައި ހުރި ލާރި ހަރަދުކޮށްގެން ހުޅުމާލެއިން ގޯތި ގަންނަން ޖެހުނީ އެޗްޑީސީ ބަލި އެނދުން ނަގާށެވެ. ރޭގަނޑާއި ދުވާލުގެ އެތައް ވަގުތެއް ރައްދެކަ އަވީގައި ނިދިނަގާލައިގެން ހޭދަކޮށް ގޯއްޗަށް އެދެން ޖެހުނީ އެވެ. ސިޔާސީ ވަކި ބައެއްގެ މަންފާއަށް އެޗްޑީސީ ބޭނުން ކުރުމުގެ ބުރަ މި އައީ ސީދާ ނިކަމެތި ރައްޔިތުންނާ ހަމަޔަށެވެ.