ޕްރިޔަންކާ ޗޯޕްރާއަށް ސަޕޯޓުކޮށް އޭނާގެ ލޯބީގައި ޖެހި ޓްރިބިއުޓްތައް ސުނީތާ އަލީ ހަދަން ފެށުމުން ބައެއް ދިވެހިންނަށް އެކަން "ލަދުން މަރުވާވަރު" ގެ ކަމަކަށް ވިއެވެ. އެތައް މަލާމާތެއްވެސް ކުރި އެވެ. ސުނީތާއަށް "ސުނިޔަންކާ" އޭ ކިޔާ ނަމެއް ދިނެވެ. މަގުމައްޗާއި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ހީވީ ސުނީތާ "ރޮލާ ކައިފާނެ" ހެނެވެ.
އެކަމަކު މިއިން އެއްވެސް ކަމަކުން ސުނީތާއަށް ކުރި އަސަރެއް ނެތެވެ. އެ ދިޔަ ސްޕީޑުގައި ޕީސީގެ "ރޮކްސް ސްޓާ" ގެ ގޮތުގައި އަރައިގެން ދިޔައީ އެވެ. ސުނީގެ އުފަން ދުވަސްތަކާއި ޕްރިޔަންކާގެ އުފަން ދުވަސްތަކުގައި ހާއްސަ ޓްރިބިއުޓްތައް އޮއްސާލަ އެވެ. ކޮންމެ އަހަރެއްގެ ޓްރިބިއުޓް ތަފާތު ކުރަމުން ގޮސް މިއަހަރުގެ ޓްރިބިއުޓްވެސް މިއޮތީ ހާއްސަކޮށްލާފަ އެވެ.
"ޕީސީ އިޒް މައި ނޭމް" ނަމުގައި ހެދި އެ ލަވައިގެ އިތުރު ތަފްސީލެއް ނުދިނަސް އެއީ ޕީސީއަށް ހާއްސަ ލަވައެއްކަން އެނގެ އެވެ. ލަވަ ފަށަނީވެސް ދޯޅުވެފައި ހުރި ވާހަކައިންނެވެ. ދެން އޮތީ މިއުޒިކާއެކު ޑާންސް އަދި ރޮމޭންސް ކުރާ ވާހަކަ އެވެ. ސުނީތާ އާއި ޑިސްކޯ އަބްދުﷲ ގެ ނެށުމުގެ ހަރަކާތްތައް ރަނގަޅަށް މި ލަވައިން ފެނެ އެވެ.
ސުނީތާ ބުނިހެން އެ ލަވަ އޭނާ ނެރުނީ ޕްރިޔަންކާގެ އުފަން ދުވަހު އެވެ. އެއީ މިއަދެވެ.
ޕްރިޔަންކާގެ އުފަން ދުވަހަށް އޭނާ ރާއްޖެ އައުން ވެގެން ދިޔައީ ސުނީތާއަށް ލިބުނު ބޮޑު ސަޕްރައިޒަކަށެވެ. އެކަމާ ގުޅިގެން މީހުން ސުނީތާއަށް ކިތަންމެ މަލާމަތެއް ކުރި ނަމަވެސް ސުނީ ބުނަނީ މި ދަތުރަކީ ޕީސީ އޭނާގެ އާއިލާ އާއެކު އަމިއްލަ ވަގުތުތަކެއް ހޭދަކޮށްލަން އައި ދަތުރަކަށްވާއިރު އޭނައަށް އުނދަގޫކޮށް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ޕީސީ އިޒް މައި ނޭމް" އަކީ މިހާރު ސުނީތާ ނެރެން ތައްޔާރުވަމުންދާ ހިތް ދީނާވާ ސިލްސިލާގެ ހަތް ވަނަ އަލްބަމްގެ ލަަވަ އެކެވެ. އެ ލަވަ ކިޔާފައިވަނީ ފަޒީލާ އާމިރު އަދި ހަސަން ތޮލާގެވެ. ހިތް ދީވާނާ ހަތެއް ނެރެނީވެސް ޕްރިޔަންކާއަށް ހާއްސަކޮށްގެންނެވެ. ހިތް ދީވާނާ ސިލްސިލާގެ ދަށުން އެންމެ ފަހުން ސުނީ ގެނެސްދީފައިވަނީ 2014 ވަނަ އަހަރު "ސުނީ ސްޕެޝަލް" ގެ ލަވަތަކެކެވެ. އެ ސިލްސިލާގެ ސީޑީއެއް ނެރެފައިވަނީ 2013 ވަނަ އަހަރެވެ.
ހިތް ދީވާނާ ހަތެއްގައި 10 ލަވައެއް ހިމެނެ އެވެ. މިހާރު ކުރިއަށް ދަނީ ލަވަތަކުގެ ރިކޯޑިންގެ މަސައްކަތެވެ.