ސުނީތާ އަލީ

ޕީސީއަށް ސަޕޯޓް ކުރުމުގައި ސުނީތާ ސާބިތުވެ!

އިންޑިއާގެ މަޝްހޫރު ބަތަލާއި ޕްރިޔަންކާ ޗޯޕްރާއަށް ސަޕޯޓް ކުރުމުގައި ދުވަހަކުވެސް ފަހަތަށް ނުޖެހޭނެ ކަމަށް ޕްރިޔަންކާގެ "ރޮކްސްޓާ" ސުނީތާ އަލީ (ސުނީ) ބުނާ ބުނުން އޭނާ އަނެއްކާވެސް ތަކުރާރުކޮށްފި އެވެ.

ސުނީ މިހެން ބުނެފައި ވަނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު މިދުވަސްކޮޅު އުފެދިފައިވާ ސިޔާސީ ކަންބޮޑުވުންތަކުގެ ސަބަބުން އޭނާ ޕްރިޔަންކާއަށް ސަޕޯޓު ކުރުން ހުއްޓާލަން ނިންމި ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ޕޯސްޓަކާ ގުޅިގެން "އަވަސް" އިން ސުވާލުކުރުމުންނެވެ.

"އެ ޕޯސްޓް ޝެއާ ކުރި ޕޭޖުން ފިލްމު ސްޓާރުންނޭ ކިޔައިގެން ދޮގު ހަބަރުތައް ފަތުރާތީ އަހަރެން ދެރަވަން،" ފިލްމީ ދުނިޔޭގެ ނަމުގައި އެ ޕޭޖުން ފިލްމު ސްޓާރުންގެ އަގު ވައްޓަލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސުނީ ބުނެ އެވެ. މީގެ ކުރިންވެސް ސުނީ އާއި ގުޅުވައިގެން އެ ޕޭޖުން ދޮގު ވާހަކަތަކެއް ފަތުރާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ ޕޭޖުގައި ޖެހި ސުނީ ބިގް ބޮސްއަށް ދާން އުޅޭ ވާހަކަ. އެއީވެސް ހަމަ ދޮގު ވާހަކައެއް." މިގޮތަށް ކަންތައް ކުރުމުން ބައިވަރު މީހުނަށް ހަގީގަތް އޮޅިގެންދާ ކަަމަށް ސުނީ ބުންޏެވެ. ސުނީ ބުނީ އެއީ އެ ޕޭޖް ހިންގަން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

"އެ ހަބަރުތައް ކިޔާލީމަ ކޮންމެ މީހަކަށްވެސް އިނގޭނެ އެއީ ދޮގެއްކަން. އަހަރެންގެ ފޭސްބުކް ސްޓޭޓަސްތަކާއި ޓުވީޓާ އަދި އިންސްޓަގުރާމަށް ބަލާލީމަ ވެސް އިނގޭނެ. ޕީސީގެ ހުރިހާ އަޕްޑޭޓުތަކެއް އަބަދުވެސް ޝެއާ ކުރަމުން ދަން." ޝޯޝަލް މީޑިއާ ހާއްސަކޮށް ޓްވިޓާގައި ވަރަށް އެކްޓީވްކޮށް އުޅޭ ސުނީ ބުންޏެވެ.

ޕީސީއަށް ސަޕޯޓުކުރުމުގައި އަބަދުވަސް ދެމި ހުންނާނަން. އެޔެއް ބަދަލެއް ނުވާނެ.
ސުނީތާ

ޕްރިޔަންކާގެ އެންމެ ބޮޑު ފޭނަކީ ސުނީ ކަމަށް ދެ ބަސްވާނެ މީހަކު މިހާރު ނުހުއްނާނެ އެވެ. އެކަން އޭނާ ވަނީ އެތަށް ފަހަރެއްގެ މަތިން ސާބިތު ކޮށްދީފަ އެވެ.

ސުނީ އޭނާގެ އައިކޮން ޕްރިޔަންކާ އާއި ތިން ފަހަރެއްގެ މަތިން މިހާރު ވަނީ ބައްދަލު ވެސް ކޮށްފަ އެވެ. އެންމެ ފުރަތަމަ ސުނީ ޕްރިޔަންކާ އާއި ބައްދަލުކުރީ އިންޑިއާގައި އޮތް ހަފްލާއަކަށްފަހު އެވެ. އޭގެ ފަހުން އާ އަހަރު ފަހަގަކުރުމަށް 2015 ވަނަ އަހަރު ޕްރިޔަންކާ ރާއްޖެ އައުމުން ވެސް ސުނީ ޕްރިޔަންކާ އާއި ބައްދަލު ކޮށްފައިވެ އެވެ.

އެންމެފަހުން ސުނީ ޕްރިޔަންކާ އާއި ބައްދަލުކޮށްފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ނިއު ދިއްލީގައި އޮތް ހާއްސަ ހަފްލާއެއްގަ އެވެ. ޕްރިޔަންކާގެ ހާއްސަ ދައުވަތަކަށް ސުނީ ދިޔަ އެ ހަފްލާއަކީ ޕްރިޔަންކާ އޭނާގެ ހާއްސަ ފޭނުންނާއި ބައްދަލު ކުރުމަށް ބޭއްވި ހަފްލާ އެކެވެ.

ސުނީ އަންނަނީ ކޮންމެ އަހަރަކު ޕްރިޔަންކާގެ އުފަންދުވަހާއި ގުޅިގެން އޭނާ އަށް ހާއްސަކޮށް ލަވަތައް ވެސް ތައްޔާރު ކުރަމުންނެވެ. މިހާރު ސުނީ އެންމެ ބިޒީކޮށް އުޅެނީ އޭނާގެ ލަވަ އަލްބަމް "ހިތް ދީވާނާ 7" ނެރުމުގެ މަސައްކަތުގަ އެވެ.