ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރުކޮށްގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައިން ސަލާމަތް ވެދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ހީފުޅު ކުރެއްވުމަކީ އެމަނިކުފާނަށް ކުރެވޭ ކުށް ހީއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ރާއްޖެ ޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވެރިކަމެއް ކާމިޔާބުކޮށް ދެމެހެއްޓޭނީ ރައްޔިތުންގެ ރުހުމާއި ލޯބި ލިބިގެން ކަމަށާއި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް އިއްތިހާދު މިހާރު ވަނީ ރޫޅިފައި ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫން ހައްޔަރުކޮށްގެން ވެރިކަމުގެ ބާރު ދެމެޖެއްޓޭނެ ކަމަށް ދެކިވަޑައިގަތުމަތީ ބުއްދި ހަމަ ޖެހޭ ވާހަކައެއް ނޫން ކަމަށާއި އެކަންކޮށްގެން މަސީހު ވެސް ސަލާމާތެއް ނުކުރެވޭނެ ކަމަށެވެ.
"ފާރިސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ. އަދި ފާރިސް ހައްޔަރުކޮށްގެން އިތުބާރު ނެތް ކަމުގެ ވޯޓާއި ވެރިކަން ސަލާމަތް ކުރެވޭނެ ކަމަށް ދެކިވަޑައިގަތުމަކީ ކުށް ހީ އެއް. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް. ދާދި އަވަހަށް ރައީސް ޔާމީން އަތުން ވެރިކަން ބީވެގެން ދާނެ. އަދި ޑިމޮކްރަސީއާ ހަމަޖެހުން ވަރަށް އަވަހަށް ގެނެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީސްގެ އަޣުލަބިއްޔަތު ވެސް އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ތާއީދު ވެސް ރައީސް ޔާމީންއަށް ގެއްލިފައި ވަނީ ޝަރީއަތް މެދުވެރިކޮށް ވެރިކަން ހިފެހެއްޓިދަނެ ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވެސް މިއަދު ހުރީ އެކަން ކޮށްދޭން ތައްޔާރަށް ނޫން ކަމަށާއި އެފަދަ ކަމަކަށް ގާނޫނުން ވެސް ޖާގަ ނުދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ފާރިސް މައުމޫން ހައްޔަރު ކުރީ މަސީހުގެ ވޯޓަށް ނުފޫޒު ފޯރުވަން ރިޝްވަތު ބެހި ކަމުގެ ތުހުމަތުގަ އެވެ. އަދި އޭނާ މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ.