ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ އަނބުރާ ނަގަން ޕްރެސެކިއުޓާ ޖެނެރަލް (ފީޖީ) އޮފީހުން ނިންމައިފި އެވެ.
ފާރިސްގެ މައްޗަށް އެ ދައުވާ އުފުލީ، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިސްއަށް ވެއްދުމުގެ ބޭނުމުގައި 42 މެމްބަރެއްގެ ސޮއި ހޯދުމުގެ ގޮތުން މެމްބަރުންގެ މައްޗަށް ނުފޫޒު ފޯރުވައި، ގާނޫނާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލާގައި ދައުވާކޮށް ކުރިމިނަލް ކޯޓަށް ފޮނުވުން އެ ކޯޓުން ވަނީ މައްސަލާގެ ޝަރީއަތް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މައްސަލާގައި ހެކި ބަސް ވެސް ނަގާފައިވެ އެވެ. އެ މައްސަލާގައި ދައުލަތުން ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެކިވެރިޔާ ހެކި ބަސް ދީފައިވަނީ ފާރިސްއާ އެއްކޮޅަށެވެ.
ސިއްރުން ހެކި ބަސް ދިނީ މަޖިލިސް މެންބަރެކެވެ. އޭނާ ހެކި ބަސް ދެމުން ފާރިސް އެއްވެސް އިރެއްގައި ރިޝްވަތު ހުށަހަޅާފައިނުވާ ކަމަށެވެ. އޭގެ ފަހުން އެ މައްސަލާގެ ޝަރީއަތް އޮތީ ހުއްޓިފަ އެވެ.
މިއަދު ޕީޖީ އޮފީހުން ނިންމާފައިވަނީ އެ ދައުވާ އަނބުރާ ނަގައި، އެ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލާށެވެ.
ފާރިސްގެ މައްޗަށް ދެން ކުރީ ޝަހްޝު އޮޅުވާލުމުގެ ދައުވާ އެވެ. އެ ކުށް ފާރިސްގެ މައްޗަށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ފާރިސްގެ މައްޗަށް އިއްވި ހުކުމުން އޭނާ ސަލާމަތްވީ ހައި ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 25 ވަނަ ދުވަހު ދަށު ކޯޓުން ކުރި އެހުކުމް ބާތިލް ކުރުމާ ގުޅިގެންނެވެ.