ފާރިސް މައުމޫން

ހައިކޯޓުގައި ފާރިސްގެ މައްސަލަ ތާވަލުކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލާގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އިއްވީ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެގެންނެވެ.

އެ ހުކުމް މިހާރު ފާރިސް ތަންފީޒު ކުރައްވަމުންދާއިރު އަންނަ އާދިއްތަ ދުވަހު ބާއްވާ އަޑުއެހުމުގައި ފާރިސް މިނިވަންކޮށް ދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވި އެވެ.

އެ މައްސަލާގެ އިތުރުން ވެސް ފާރިސްއަށް އެހެން ދައުވާތަކެއް ކުރެ އެވެ. އެގޮތުން ރިޝްވަތު ދިނުމުގެ ދައުވާއެއް ކުރެ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ހުއްޓިފައި އޮންނަތާ އެތައް ދުވަހެކެވެ. އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ފާރިސްއަށް ކުރާއިރު އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ހައިކޯޓުގައި ފާރިސްގެ މައްސަލަ ތާވަލުކޮށްފައިވާއިރު، ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯއްދެވި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަނީ އޭނާގެ ވެރިކަމެއްގައި ފާރިސް މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.