ވިޔަފާރި

ސުޕަމާޓް ރަމަޒާން ބާޒާރުގެ ނަސީބުވެރިން ހޮވައިފި

އެސްޓީއޯ ސުޕަމާޓުން މިދިއަ ރޯދަ މަހު ކުރިއަށް ގެންދިޔަ "ރަމަޒާން ބާޒާރު" ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

އެސްޓީއޯ ސުޕަމާޓުގައި އެޕްރީލް މަހުގެ 23 އިން ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ތިން އިނާމެއް ހުށަހަޅާފައިވެ އެވެ. އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 25،000ރ. ގެ ގިފްޓް ވައުޗަރެކެވެ. އަދި ދެވަނަ އިނާމަކަށް 15،000ރ. ހުށަހެޅިއިރު ތިންވަނަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 12،000ރ. އެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަށް ހުށަހަޅާފައިވާ 25،000ރ. ގެ ގިފްޓް ވައުޗަރު ލިބުނީ ސިނަމާލެ، 2110، ހުސެއިން ފަރިޔާލް އެވެ. އަދި ދެވަނަ އިނާމަކަށް ހުށަހަޅާފައިވާ 15،000ރ. ގެ ގިފްޓް ވައުޗަރު ލިބުނީ ގ. އަލަމް، އަހުމަދު ނަސީދު އެވެ. އަދި ތިންވަނައަށް ހުށަހެޅި 12،000ރ. ގެ ވައުޗަރު ލިބުނީ ގ. އައިމާ، އަހުމަދު ލަރީފު އަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ކުރާ ކޮންމެ 300ރ. ގެ ވިޔަފާރިއަކަށް ވައުޗަރެއް ލިބޭ ގޮތަށެވެ. މި ޕްރޮމޯޝަންގައި އިނާމު ލިބުނު މީހުންނަށް ކޮންމެ މަހަކުވެސް އެސްޓީއޯއިން ވަކި އަދަދަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.