ވިޔަފާރި

ހުޅުމާލޭ އާ މަގުތަކުގައި ތާރު އަޅަން ތައްޔާރު ވަނީ

  • މަގު ހެދުމުގެ އަގު 40 މިލިއަން ޑޮލަރު
  • މަގުތަކުގެ ދިގުމިނުގައި 15 ކިލޯ މީޓަރު ހުރޭ
  • މަސައްކަތް ޑިސެމްބަރު މަހު ނިމޭނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ މަގުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ޑިސެމްބަރު މަހުގެ ނިޔަލަށް 15 ކިލޯ މީޓަރުގެ މަގުގެ މަސައްކަތް އެއްކޮށް ނިންމާލަން. މިއާއެކު މަގުތަކާ ގުޅުންހުރި އެހެން ހުރިހާ މަސައްކަތްތައްތައް ވެސް އެއް ހަމައެއްގައި ކުރިއަށް އެބަދޭ،" ސައިމަން ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަނީ ފުރަތަމަ ފިޔަވައްސާ ތަފާތުކޮށް ހަމައެކަނި މަގުތަކުގައި ތާރު އެޅުން އެކަނި ނޫން ކަމަށް ސައިމަން ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ތާރު އަޅާ ނިމޭއިރު "ޓޯޓަލް އިންފްރާސްޓްރަކްޗާ ސޮލިއުޝަނެއް" އަންނާނެ އެވެ. މިއީ ރާއްޖޭގައި މުޅިން އާ ޑިޒައިނަކަށް ހަދާ މަގުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ،

"މަގުތަކުގައި ތާރު އަޅައި ނިމޭއިރު ހުންނާނީ ޓޯޓަލް ސޮލިއުޝަނެއް ގެނެސް ދެވިފަ،" ސައިމަން ވިދާޅުވި އެވެ.

މަގުތައް ނިމޭއިރު، ކަރަންޓާއި ފެނުގެ ހިދުމަތުގެ އިތުރުން ނަރުދަމާ އާއި އިންޓަނެޓުގެ ހިދުމަތް ވެސް ގާއިމުވާނެ އެވެ. މަގުތައް ހެދުމާއި އިތުރު މަސައްކަތްވެސް ދަނީ އެކުއެކީގަ އެވެ.

މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރަނީ އިންޑިއާގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސް އާއި އަޝޯކާ ބިލްޑްކޮންއިންނެވެ. މުޅި މަޝްރޫއުގެ އަގު އަގަކީ 40.3 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 620 މިލިއަން ރުފިޔާ) އެވެ.