ކުޅިވަރު

މާޒިޔާ އާއި ނިއު ލީގްގެ އެންމެ ބޮޑު ކުރިމަތި ލުމަށް

Jul 19, 2017
1
  • މޮޅުވާން ނިއު އަށް މަޖުބޫރު
  • މާޒިޔާއަށް ޕޮއިންޓަކުން ފުދޭ

މާލޭ ލީގްގައި މިރޭ، މާޒިޔާ އާއި ނިއުރޭޑިއަންޓް ކުޅޭ މެޗަކީ، ލީގް ޗެމްޕިއަންކަން ކަށަވަރު ވެގެންދާނެ މެޗެވެ. ދެ ޓީމަށް ވެސް، ލީގް ޗެމްޕިއަން ކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ. ދެ ޓީމަށްވެސް، މިވަގުތު ލިބިފައި ވަނީ 26 ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ނިއުއަށްވުރެ ތިން ގޯލް ކުރީގައި އޮތުމުން، މާޒިޔާ އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ.

އެހެންވެ ޗެމްޕިއަންކަން ހޯދަން ބޭނުން ނަމަ، ނިއު އަށް މެޗުން މޮޅުވާން މަޖުބޫރެވެ. މާޒިޔާއަށް މެޗު އެއްވަރު ކޮށްލައިގެން ވެސް ލީގް ޗެމްޕިއަންކަން ލިބިގެންދާނެ އެވެ. ފުރަތަމަ ބުރުގައި، މިދެޓީމު ބައްދަލު ކުރި މެޗު ކާމިޔާބު ކުރީ، މާޒިޔާ އެވެ. ނަމަވެސް މާޒިޔާގެ ކޯޗް މަރުޔަން ސެކޮލޮސްކީ ބުނީ، އޭރަށް ވުރެ ނިއުރޭޑިއަންޓް މިހާރު ވަރުގަދަ ވެއްޖެ ކަމަށެވެ.

"މިއީ މާލޭ ލީގްގައި އަހަރެމެން ކުޅޭނެ އެންމެ ވަރުގަދަ މެޗު،" ލީގްގެ ފަހު ކޮޅަށް އައިސް އުނދަގޫ މެޗުތަކެއް ކުރިމަތިވި ޓީމުގެ ކޯޗް ބުންޏެވެ. "ސަބަބަކީ ޓްރާންސްފާ ޕީރިއަޑްގައި، އެޓީމުން ރަނގަޅު ކުޅުންތެރިންތަކެއް ސޮއި ކޮށްފި އަހަންނަށް ހީވަނީ އެ މީހުން ކުރިއަށްވުރެ މިހާރު މާބޮޑަށް ވަރުގަދަ ވާނެ ހެން."

އެހެން ނަމަވެސް، ސެކްލޮސްކީ ބުނީ މާޒިޔާ އޮތީ އިތުބާރާއެކު ކަމަށާއި މެޗުގައި މާޒިޔާ ކުރަން ޖެހޭ ކަމަކީ ކޮބައިކަން މުޅި މާޒިޔާއަށް އެނގޭ ކަމަށެވެ. އޭނާ ބުނީ މާޒިޔާގައި ގިނަ ކުޅުންތެރިންތަކެއް ނެތް ނަމަވެސް، ފުރަތަމަ 11 ގައި ކުޅޭނެ އެކަށީގެންވާ ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި މެޗުގައި ތިން ބަދަލު ކުރެވޭ ވަރަށް މާޒިޔާގައި ކުޅުންތެރިން އެބަތިބިކަމަށް ސެކްލޮސްކީ ބުންޏެވެ.

"ނިއު ރޭޑިއަންޓް މެޗަށް އަހަރެމެން ހޮނިހިރު ދުވަހުން ފެށިގެން ޕްރެކްޓިސް ފަށައިފިން، އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ އަދި އަހަރެމެން މި ހުރީ ވަރަށް އުފަލުން ކުޅުންތެރިން ދައްކަމުންދާ ކޮމިޓްމެންޓުން، ސެކްލޮސްކީ ބުންޏެވެ. "އަދި އަހަރެމެން ޔަގީން ކުރަން، މިރޭ ގެ މެޗުގައި ކުޅުންތެރިން 100 ޕަސަންޓް ދޭނެ ކަން، އަދި މެޗު ނިމެންދެން އެމީހުންގެ އެންމެ ރަނގަޅު ފެންވަރުގައި ކުޅޭނެ، ކުޅުންތެރިންގެ ކިބައިން އެންމެ ރަނގަޅު ޕާފޯމަންސް ފެންނުމުން އަހަރެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ."

ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބުނީ ނިއުގެ ކުޅުންތެރިންގެ ފަރާތުންވެސް މެޗުިގައި 100 ޕަސަންޓް ފެނިގެންދާނެ ކަމަށެވެ. ނިއު އިން ވަނީ ޓްރާންސްފާ ޕީރިއަޑްގައި، އަލީ އަޝްފާގް (ދަގަނޑޭ) އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ލުބުނާންގެ ޑިފެންޑަރެއް ގެނެސްފަ އެވެ. އެކުޅުންތެރިން މިރޭ ގެ މެޗުގައި ކުޅޭނެ ކަމެއް ބުރުޒޮން ބުނެގފައެއް ނުވެ އެވެ.

"އަހަރެން ހިތްހަމަ ޖެހެނީ މެޗަށްވާ ތައްޔާރީ ތަކާ މެދު އެކަންޏެއް ނޫން، ވޭތުވެދިޔަ ހަތަރު ވަރަކަށް ހަފުތާ ތެރޭ ކުރެވުނު މަސައްކަތާ މެދު ވެސް އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" ބުރުޒޮން ބުންޏެވެ. "ހަތަރު ކުޅުންތެރިން އަހަރެމެން ދޫކޮށްލައިފިން އިތުރު އާ ކުޅުންތެރިން ގެނެސްފިން ޓީމަށް ގުޅުނު ކުޅުނު ކުޅުންތެރިންނާއެކު ޕްރެކްޓިސްތައް ވަރަށް ބޮޑަށް ކޮލިޓީ ވެއްޖެ، މިރޭގެ މެޗުގެ ނަތީޖާއާ މެދު އަހަންނަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް."

އޭނާ ބުނީ، ރާއްޖޭގެ ފުޓްބޯޅައިގައި ނިއު އިން ދަމަހައްޓަމުން އަންނަ ލެގަސީ އިތުރު ކުރަން ބޭނުންވާ ކަމަށާއި ރާއްޖޭގެ ފުޓްބޯޅައާ މެދު އަބަދުވެސް ބަސް ބުނަން ނިއު ބޭނުންވާ ކަމަށެވެ.