ހަބަރު

އަދުލު އިންސާފުގެ ހަރުދަނާކުރަން އިތުރަށް މަސައްކަތް ކުރަންޖެހޭ: ސަރުކާރު

ތަރައްގީގެ މަގުގައި ދުނިޔޭގެ ގައުމަތަކުން ހާސިލު ކުރަން ދުނިޔޭގެ ގައުމުތަކުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑު ދަނޑިތައް "ސަސްޓޭއިނަބުލް ޑިވެލޮޕްމެންޓް ގޯލްސް" (އެސްޑީޖީ) ގެ ތެރެއިން ގިނަ ލަނޑުދަނޑިތަކެއް ހާސިލު ކުރުމުގައި ކުރިއެރުން ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ހިންގުމާއި އިންސާފުގެ ނިޒާމު ހަރުދަނާ ކުރަން އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނީ ދުނިޔޭގެ ގައުމުތަކުން ކަނޑައަޅާފައިވާ 2030 އެޖެންޑާ އާއި އޭގެ ބައެއް ކަމަށްވާ އެސްޑީޖީގެ ލަނޑުދަނޑިިތައް ހާސިލު ކުރުމުގައި މަސައްތް ކުރެވިފައިވާ ގޮތް އަމިއްލައަށް ވަޒަން ކޮށް ރިޕޯޓްތައް ހުށަހެޅުމަށް އެމެރިކާގެ ނިއުޔޯކް ސިޓީގައި މިއަދު ބާއްވާ ހައިލެވެލް ފޯރަމަށް ފޮނުވި ރިޕޯޓުގައެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ތައުލީމާއި ސިއްހީ ދާއިރާއާއި ބަޔޯޑައިވާސިޓީ ރައްކާތެރި ކުރުމުގައި ރާއްޖޭން ކުރިއެރުންތައް ހޯދާފައިވާ ކަަމަށެވެ. އިތުރަށް މަސައްކަތްތަކެއް ކުރަން ޖެހޭ ދާއިރާތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އަންހެނުން ބާރުވެރިިކުރުވުމާއި ހިންގުމާއި އިންސާފުގެ ނިޒާމެވެ. އަދި އިގުތިސާދީ ގޮތުން މީހުންގެ މެދުގައި އޮންނަ ތަފާތު ކުޑަކުރުން ވެސް ފާހަގަކޮށްފައި ވަނީ އިތުރަށް މަސައްކަތް ކުރަން ޖެހޭ ދާއިރާއެއްގެ ގޮތުގައެވެ.

"... ނަމަވެސް އަންހެނުން ބާރުވެރި ކުރުވުން، އިދާރީ ހިންގުމާއި އިންސާފުގެ ނިޒާމުތައް ހަރުދަނާ ކުރުން ފަދަ ދާއިރާތަކުން އިތުރަށް މަސައްކަތްތައް ކުރަން ޖެހެއެވެ،" ރިޕޯޓްގައި ވެއެވެ.

ގޮންޖެހުންތައް

އެސްޑީޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮން ޖެހުމެއްގެ ގޮތުގައި ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ ފަންނީ މީހުން ނެތުމެވެ.

" ވަކިން ހާއްސަކޮށް ޑާޓާ އެއްކުރުމުގެ މެނޭޖްކުރުން އޮތީ ގައުމުގައި އެސްޑީޖީ ހާސިލު ކުރުމަށް އޮތް ބޮޑު ދައްޗަކަށެވެ. ތަމްރީނު ލިބިފައިވާ މުވައްޒަފުން ނެތުމާއި ކޮންމެހެން ބޭނުންވާ އިކްއިޕްމެންޓް ނެތުން ވެސް ހިމެނެއެވެ،" ރިޕޯޓްގައި ވެއެވެ.

ދެވަނަ ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ސަރުކާރުގެ އިދާރާތަކުގެމެދުގައި އެއް އިދާރާއިން އަނެއް އިދާރާއަށް ޑާޓާ ފޯރުކޮށް ދިނުމުގައި ހުރި ދަތިކަމުގެ ސަބަބުން އެސްޑީޖީ ހާސިލުވާ މިންވަރު ރަނގަޅަށް ދެނެ ނުގަނެވުމެވެ.