ހަބަރު

އޭޖީ އަނިލްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅައިފި

Jul 20, 2017
10

އިދިކޮޅު ޕާޓީތަކުން ގުޅިގެން އެޓާނީ ޖެނަރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތް މައްސަލަ ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި އެވެ. ބަންޑާރަ ނައިބުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައިވާ ކަން އިދިކޮޅު އިއްތިހާދުގެ އިސް އޮފިޝަލަކު "އަވަސް"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ބަންޑާރަނައިބުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުމަށް މަޖިލީހުގެ 15 މެންބަރުންގެ ސޮއި ބޭނުންވާނެ އެވެ. ނަމަވެސް އެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނީ 25 މެންބަރުންގެ ސޮޔާއެކުގަ އެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އަނިލްގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައިވާ އިރު ރައްޔިތުން މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ ނޫނީ ވަކިވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ އެމަނިކްފާނެވެ. އަދި އެ ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކާ ގުޅި ވަޑައިގަތް ޕީޕިއެމްގެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅާ ބައި އިލެކްޝަން އިއުލާންކޮށްފަ އެވެ. އޭގެ ސަބަބުން ގިނަ ގާނޫނީ ބޭފުޅުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަނިލްއަށް އަމާޒުވި އެވެ.

އޭގެ އިތުރުން މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު އަނިލް ވަނީ މަޖިލީހަށް ވައްދާ އިތުބާރު ނެތް މައްސަލަތައް ފާސްކުރި ނަމަވެސް އެންމެ ފަހު ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައަޅާދޭން އެދިފަ އެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކްފާނުގެ ނައިބާއި މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންގެ އިތުބާރު ނެތް މައްސަލަތަކުގައި ފަހު ގޮތް ނިންމާނީ ސުޕްރީމް ކޮޓުން ކަމަށެވެ. އެހެންކަމުން އަނިލްގެ އިތުބާރު ނެތް މައްސަލަ މަޖިލީހުން ފާސް ކުރިނަމަވެސް ފަހު ގޮތް ނިންމާނީ އެ ކޯޓުންނެވެ.