ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅަކު ބަޔަކަށް ފުރައްސާރަކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުން ސައުދީ ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ނޫހެއް ކަމަށްވާ އަރަބް ނިއުސް އިން ބުނީވެރިރަށް ރިޔާޒުގެ ފުލުހުން އަމީރު ސަޢުދު ބިން ޢަބުދުލް ޢަޒީޒު ބިން މުސާއިދު ބިން ސަޢުދު ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު ހައްޔަރުުކުރީ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އެކަމަށް އަމުރު ނެރުއްވުމުން ކަމަށެވެ.
ސަލްމާން ނެރުއްވި އަމުރުފުޅުގައި ވަނީ ހައްޔަރުކޮށްފައިވާ އަމީރުގެ ފަރާތުން އަނިޔާ ލިބުނު އެންމެންގެ ހެކިބަސް އަޑު އަހައި އޭނާގެ ޝަރީއަތް ކޮށް ނިމެންދެން ހައްުޔަރުކޮށްފައި ބަހައްޓާށެވެ.
އަމީރު ސައުދާއި އޭނާގެ ގާތް ބޭފުޅުންތަކެއް މީހުންްނަށް އަނިޔާކުރާ މަންޒަރު ފެންނަ ވީިޑިއޯ ސައުދީ ޝޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ބާރަށް ފެތުރޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމާ އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށް އަމީރު ސައުދު ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯ އާއްމު ވުމުން މީހުން ވަނީ އުފާފާޅުކުރަން ފަށާފައެވެ.
މީހަކު މެރި މައްސަލައެއްގައި މިދިޔަ އޮކްޓޯބަރު މަހު ސައުދީ އަމީރެއް ކަމަށްވާ ތުރުކީ ބިން ސައުދު ބިން ތުރުކީ ބިން ސައުދު އަލް ކަބީރަށް ވަނީ މަރުގެ އަދަބު ދީފައެވެ. އޭނާއަށް މަރުގެ އަދަބު ދިނީ އާދިލް ބިން ސުލައިމާން ބިން ޢަބުދުލް ކަރީމް އަލް މުހައިމީދު ނަމަކަށް ކިޔާ މީހަކު މަރައިލިކަމުގެ ކުށް ސާބިތު ވެގެންނެވެ.