ހާއްސަ ފޮޓޯ ޝޫޓަކާއެކު މިިދިޔަ އަހަރު އަވަސް އިން ފެށި "އަވަސް ވީކެންޑް" ނިކަން ގިނަ ބައެއްގެ ހިތް އަތުލި އެވެ. ހުކުރު ދުވަހަށް ހާއްސަ އިންތިޒާރެއް ކުރުވި އެވެ. މަޝްހޫރު ފަންނާނުންގެ ހާއްސަ އިންޓިވިއު އާ އެކު ގެނެސްދިން އިރު އިންޓަވިއުއާއެކު ހިމަނާފައި ފޮޓޯތަކުގެ ވާހަކައިގެ އަޑުވެސް ވަކި މަޑެއް ނޫނެވެ.
ފޮޓޯތައް ކޮލިޓީވެފައި ރީތި ވި އެވެ. ރީޓަޗިންގެ ފުރިހަމަ ކަމުގެ ވާހަކަ އެވެ. ހާއްސަކޮށް ފޮޓޯގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ނިކަން ކަމު ދިޔަ އެވެ. އެ ފޮޓޯތައް އެންމެ ފުރިހަމަކޮށް ގެނެސްދިނީ އަލީ ނިޝާން (މިލްޒީރޯ ނިޝާން) އެވެ. ފޮޓޯ ނެގުމުގެ ދާއިރާގައި އެއީ އާ ނަމެއް ނޫނެވެ. ދައްކަން މިއުޅެނީ އެ ފޮޓޯތައް އަދި ނިޝާންގެ ވާހަކައެއްވެސް ނޫނެވެ.
މިހާރު ނިޝާން ތައްޔާރުވަމުން އަންނަ ރީޓަޗިން ވޯކްޝޮޕްގެ ވާހަކަ އެވެ. އަންނަ މަހު ހަތަރެއް އަދި ފަހެއް މި ދެ ދުވަހު، ޖުމްލަ 20 ގަޑިިއިރުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ ރީޓަޗް ކުރުމާ ގުޅޭގޮތުންނެވެ. ކޮންމެވެސް ވަރަކަށް ޕޯޓްރެއިޓް ފޮޓޯ ޝޫޓިން އަދި ޕްރޮޑަކްޓް ފޮޓޯ ޝޫޓިން އާ ބެހޭގޮތުންވެސް ބައިވެރިންނަށް މައުލޫމާތު ދޭނެ އެވެ. އަދި ޕްރެކްޓިކަލް ސެޝަންތަކެއްވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
ވޯކްޝޮޕް އަމާޒުކޮށްފައިވަނީ ބޭސިކް ލެވަލްގައި ފޮޓޯޝޮޕް ބޭނުންކުރަން އެނގޭ ފަރާތަކަށެވެ. ހުޅުމާލޭގައި ހުންނަ އައިލެންޑް ބީޗް ގެސްޓްހައުސްގައި އެ ވޯކްޝޮޕް ކުރިއަށް ގެންދަން ނިންމާފައިވާއިރު 25 ޕަސަންޓުގެ ޑިސްކައުންޓަކާއެކު ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީ އަކީ 3،750 ރުފިޔާ އެވެ.
"މި ވޯކްޝޮޕް ފުރިހަމަކޮށްފައި ނުކުންނައިރު ބައިވެރިންނަށް ރީޓަޗިންގެ ދާއިރާއިން ބިިޒްނަސް އެއް ފެށޭވަރުވާނެ. މަގުސަދަކީވެސް އެއީ ގިނަ ބަޔަކު މި ދާއިރާއަށް ނެރުން،" ނިޝާން ބުންޏެވެ.
އެ ވޯކްޝޮޕްގައި މައިގަނޑުގޮތެއްގައި ބައިވެރިންނަށް ކިޔަވައިދިނުމުގައި ހަރަކާތްތެރިވާނީ ނިޝާން އެވެ. ނިޝާން އާ އެކު ގުޅުން ހުރި ދާއިރާތަކުގެ ފަރާތަތްކުން ކޮންމެވެސް ވަރަކަށް ބައިވެރިވާނެ އެވެ.
ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކުން ލެޕްޓޮޕާއި، މައުސް އަދި އެޑިޓިން ޓެބްލެޓް ފަދަ އެކަމަށް ގުޅުންހުރި ތަކެތި ހޯދަން ޖެހޭނީ އަމިއްލަ އަށެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް މިލްޒީރޯ ފޭސްބުކް ޕޭޖަށް ޒިޔާރަތްކޮށް އޮންލައިންކޮށް ފޯމް ފުރާލާށެވެ. އޭރަށް ވޯކްޝޮޕްގައި ބައިވެރިވެވުނީ އެވެ.
ނިޝާން އަކީ ފޮޓޯގްރަފީ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ފަރާތެކެވެ.