ހަބަރު

މައްސަލަ ބާތިލެއް ނުވާނެ، މަސީހު ބޭރު ކުރެވޭނެ: އިބޫ

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަ ބާތިލުވާނެ ކަމަށް ގަބޫލު ނުކުރައްވަ ކަމަށާއި މި މަހު 24 ވަނަ ދުވަހުގެ ޖަލްސާގައި އެ މައްސަލާގައި މަސީހު ބޭރުކޮށްލުމަށް ތައްޔާރަށް ތިބި ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވި އިރު މަސީހުގެ އިތުބާރު ނެތް މައްސަލަ ބާތިލުވެފައިވާ ކަމަށް ބުނެ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިބޫ ވަނީ މަސީހުގެ އިތުބާރު ނެތް މައްސަލަ ބޭރުކޮށްލުމުގައި ގާނޫނާ ހިލާފަށް ހިންގާފައިވާ ތިން ކަމެއް ފާހަގަ ކުރައްވާފަ އެވެ.

ފުރަތަމަ މައްސަލަ ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ އިތުބާރު ނެތް މައްސަލަތަކުގައި މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގެ ޒިންމާ ނަގަން ޖެހޭނީ އަމީންއާންމް ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް މަސީހުގެ މައްސަލަ ބޭރުކޮށްލާފައިވާ ކަމަށް ބުނެ ފޮނުވި ސިޓީގައި ސޮއިކޮށްފައި ވަނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކަމަށާއި އެކަން އެމަނިކްފާނަށް ކުރުމުގެ ބާރެއް ނޯންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އޭގެ އިތުރުން އިތުބާރު ނެތް މައްސަލަ ބާތިލުކޮށްފައި ވަނީ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ފޮނުވި ސިޓީއަކަށް ރިއާޔަތްކޮށްގެން ކަމަށާއި ނަމަވެސް އެ ކޮމިޝަންގެ އެ ނިންމުމަކީ ވެސް ބާތިލު ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލެނީސް ސޮއި ކުރި ޕެޓިޝަނެއް ބާތިލު ކުރުމަކީ ވެސް ގާނޫނާ ހިލާފު ކަމެއް ކަމަށް އިބޫ ވިދާޅުވި އެވެ.

"މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީއިން ހުށަހެޅި ސިޓީއަކަށް ބިނާކޮށް އިތުބާރު ނެތް މައްސަލަ ބާތިލެއް ނުކުރެވޭނެ. އެކަމަކަށް ގާނޫނުން ބާރެއް ނުދޭ. އަދި ޕެޓިޝަންގައި ހަތަރު މެންބަރުން ކުރި ސޮއި ބާތިލުވަންޏާ އެ ހަތަރު މެންބަރުން މަޖިލީހުގައި ކޮށްފައި ހުރި ހުރިހާ މަސައްކަތެއް ބާތުލުވާނެ ޖެހޭނެ. ލާފާއި ހުރި ވޮޓުތައް ވެސް ބާތިލު ވާން ޖެހޭނެ،" އިބޫ ވިދާޅުވި އެވެ.

އެހެންކަމުން މަސީހުގެ އިތުބާރު ނެތް މައްސަލަ ބާތިލުވެއްޖެ ކަމަށް ބުނެ ފޮނުވި ސިޓީ ގަބޫލު ކުރެވޭކަށް ނެތް ކަމަށާއި އަދި އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާގައި މަސީހުގެ އިތުބާރު ނެތް މައްސަލަ އޮންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެހެންކަމުން އެ ދުވަހަށް އިދިކޮޅު ފަރާތްތަކުން ތައްޔާރަށް ތިބި ކަމަށާއި ގާނޫނަ އެއްގޮތަށް މަޖިލީހުން އެ ދުވަހު ޖަލްސާ ބާއްވަނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިބޫ ވިދާޅުވި އެވެ.