ރިޕޯޓް

ދިވެހިން ހަނގުރާމައަށް ދާ ގޮތް އިންޑިޔާ ނޫހަކުން ތަހުގީގު ކޮށްފި

Apr 14, 2015
5

އިންޑިޔާ އާއި ހުޅަނގުގެ ގައުމުތަކުގެ ފަރާތްތަކާ ހަވާލާ ދީ އެ ނޫހުން ބުނި ގޮތުގައި 200 އަށް ވުރެ ގިނަ ދިވެހިން އިސްލާމިކް ސްޓޭޓް (އައިއެސް) އާއެކު އެކި ގައުމުތަކުގައި ހަނގުރާމަ ކުރަމުން އެބަދެއެވެ. އޭގެ ތެރޭގައި އިރާގާއި ސީރިއާ ހާއްސަ ގޮތެއްގައި ފާހަގަކޮށްފައިވެ އެވެ. ރާއްޖޭގެ އާބާދީއަކީ އެންމެ 359،000 މީހުން ކަމަށްވާތީ ނިސްބަތުން މިއީ އެއް ގައުމަކުން އެންމެ ގިނަ އަދަދަކަށް އައިއެސްއާ ގުޅުނު ގައުމު ކަމަށް އެކްސްޕްރެސް ނޫހުގެ ރިޕޯޓްގައި ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން ކަށަވަރު ކޮށްދެނީ 57 ދިވެހިން އައިއެސްގެ ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ކަމަށާއި އައިއެސްއާއި އަލްގައިދާއާ ގުޅިފައިވާ އަލްނުސްރާ އާގުޅިގެން ކުރި ހަނގުރާމަތަކުގައި މިހާތަނަށް ވަނީ 7 ދިވެހިން މަރުވެފައިވާކަން ޔަގީން ކޮށްދީފައި ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ދިވެހި "އަލްމާނީ ލިޔުންތެރިންނާއި އެކްޓިވިސްޓުން" ނަށް މަރުގެ އިންޒާރު އައުން އިތުރުވަމުންދާ ކަމަށާއި މީގެ އިތުރުން މަރުގެ އެތިފަހަރުތައް ވެސް އަންނަން ފަށާއި ކަމަށް އެކްސްޕްރެސްއިން ބުންޏެވެ. އެގޮތުން މިދިޔަ އަހަރު ގެއްލުނު މިނިވަން ނޫހުގެ ލިޔުންތެރިޔާ އަހްމަދު ރިލްވާން ވަނީ ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ފަރާތްތަކާ ގުޅުން ހުރި ގޭންގްތަކުން މަރާލާފައި ކަމަށް ބެލެވޭ ކަމަށެވެ.

"އެހެން ލިޔުންތެރިއެއް އަދި ޑިމޮކްރެސީ އެކްޓިވިސްޓެއް ކަމަށްވާ ހިލްއަތު ރަޝީދުގެ ކަރުގައި ވަޅި އަޅައި، މި މަރުގެ އެތިފަހަރެއް ފަދަ ހަމަލައިގެ ސަބަބުން އޭނާ މިހާރު ދިރިއުޅެމުން ދަނީ ގައުމުން އަމިއްލައަށް އަރުވާލެވިގެން ޝްރީ ލަންކާގައި" ކަމަށް ވެސް އެކްސްޕްރެސް ނޫހުގެ ރިޕޯޓްގައި ލިޔެފައިވެއެވެ.

"ދެކޮޅުވެރިންނާ ދެކޮޅަށް އަނިޔާވެރިކަން ދެއްކުމުގެ ސަގާފަތެއް ކަނާތު ފިޔައިގެ ފަރާތްތަކުން ފެންމަތިވާން ވަނީ ފަށާފައި. އެ ފަރާތްތަކުން މި ގޮތަށް އަމަލު ކުރަމުންދަނީ ފުރިހަމަ އިމްތިޔާޒާއެކީ،" ދިވެހި ލިޔުންތެރިއެއް ކަމަށްވާ ޔާމީން ރަޝީދު ބުނެފައިވާ ކަމަށް ވެސް އެ ނޫހުގައިވެއެވެ.

އައިއެސް އަށް ދިވެހި ރިކްރޫޓުން ފޮނުވައިދެނީ "ހަކުރު" ނުވަތަ ޑްރަގްގެ ބާވަތެއް ކަމަށްވާ ހެރޮއިން ވިޔަފާރި ކުރާ މާލޭގެ ނުފޫޒު ގަދަ ގޭންގްތަކުން ކަމަށް އެކްސްޕްރެސްއިން ބުންޏެވެ.

ދިވެހިންގެ ބަޔަކު ސީރިއާއަށް ދިއުމުގެ މަގުމަތީގައި ނަގާފައިވާ ފޮޓޯތަކުން ކުރެ ފޮޓޯއެއް ކަމަށް ބުނާ ފޮޓޯއެއް ވެސް މި ރިޕޯޓާއެކު ވަނީ ޝާއިއުކޮށްފައެވެ. އެއީ ރާއްޖޭގެ ޒުވާން ދީނީ އިލްމްވެރިއެއް ކަމަށްވާ "އަންދަލުސް" ތަގުރީރުން މަޝްހޫރުވި ޝައިޚް އާދަމް ޝަމީމް ސީރިއާ އަށް ރޭވި ދަތުރެއް ކަމަށްވެސް އެ ނޫހުން ބުނެފައި ވެއެވެ.

ލިބެން ހުރި ހެކިތަކުން ހާމަވާ ގޮތުގައި ދިވެހި ހަނގުރާމަވެރި ގްރޫޕްތަކާ ޕާކިސްތާނުގެ މިފަދަ ފަރާތްތަކާ ގުޅުން ހުރި ކަމަށް އެކްސްޕްރެސް ނޫހުން ބުންޏެވެ. އެ ގޮތުން ރިލްވާން ގެއްލުމާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ އަޒްލިފް ރައޫފް ވަނީ ރާއްޖެއިން ފިލައިގެން ގޮސް ޕާކިސްތާނުގައި ތަހްރީކް-އޭ-ތޯލިބާންގެ ހިމާޔަތް ހޯދާފައި ކަމަށް ބުނެފައިވެއެވެ.

ބޭރު ގައުމުތަކުގައި ޖިހާދު ކުރުމަށް ގޮވާލާ، މާލެ އާއި އަދި ރާއްޖޭގެ ބައެއް އެހެން ރަށްތަކުގައި ވެސް މަގުމަތީ ފާރުތަކުގައި ގްރެފިޓީ ކުރެހުންތައް ހުންނަ ކަމަށާއި އަދި ސޯޝަލް މީޑިއާގައި ޓްވިޓާ އެކައުންޓްތަކާއި ވެބްސައިޓްތައް ވެސް މި މަގުސަދުގައި ހަދާފައިވާ ކަމަށް ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

"މިއީ [ދެކުނު އޭޝިޔާ] ސަރަހައްދުގައި އެންމެ ހަލުއި މިނުގައި ބޮޑުވަމުން އަންނަ، ނަމަވެސް އެންމެ ގޮތް ނޭނގޭ، ސަލާމަތީ ނުރައްކާ. އަމިއްލަ ބިމަށް [ރާއްޖެ] އަށް އިސާހިތަކު މި ނުރައްކާ އަނބުރާ އަންނާނެ،" ދިވެހި ފުލުހުންގެ ކުރީގެ ޖާސޫސީ ވެރިޔާ މުހައްމަދު "އެމްސީ" ހަމީދު ވިދާޅުވި ކަމަށް އެކްސްޕްރެސް ނޫހުގައިވެއެވެ.

ރާއްޖޭގެ އެކަހެރި ރިސޯޓް ރަށްތަކުގައި ތިބޭ ހުޅަނގުގެ ޓޫރިސްޓުންނަށް ހަމަލައެއް ދިނުމަކީ މިހާރު އެންމެ ބޮޑަށް ކަންބޮޑުވާ ކަން ކަމަށް ވެސް އެ ނޫހުން ފާހަގަ ކޮށްފައިވެއެވެ. އަދި އިންޑިޔާއަށް ހަމަލަ ދިނުމަށް ދިވެހި ރާއްޖެ ބޭނުން ކުރުމަކީ އިންޑިއާއިން ކަންބޮޑުވާ ކަމެއް ކަމަށް އެކްސްޕްރެސްގެ ރިޕޯޓްގައި ބުނެފައިވެއެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުންނަ އިންޑިއަން އިންސްޓްޓިއުޓް އޮފް ސައިންސް އަށް 2008 ގައި ލަކްޝަރް-އޭ-ތޮއިބާ އިން ދިން ހަމަލާގައި ދިވެއްސެއް ކަމަށްވާ އަލީ އަސްހަމް ބައިވެރިވި ކަމަށް ތުހުމަތު ކުރެވިގެން އޭނާ ޝްރީ ލަންކާއިން ދިވެހި ރާއްޖެއަށް ޑީޕޯޓް ކުރި އެވެ. ނަމަވެސް އިންޑިޔާއިން އެދުނު ގޮތަށް އޭނާއާ ދެކޮޅަށް ރާއްޖެއިން ގާނޫނީ ފިޔަވަޅު ނާޅާ ކަމަށާއި އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށް ލިޔެފައިވެއެވެ. އަދި މި ރިޕޯޓަށް އޭނާގެ ކޮމެންޓެއް ހޯދުމަށް އެކްސްޕްރެސް ނޫހުން އެތައް ފަހަރަކު އޭނާގެ ފޯނަށް ގުޅުމުން ވެސް އޭނާ ޖަވާބު ނުދޭ ކަމަށް އެ ނޫހުން ބުންޏެވެ.

މި މައްސަލައިގެ އެއް ބަލިފަޔަކީ މިފަދަ ހަނގުރާމަވެރިން ތަހުގީގުކޮށް އެ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ގާބިލިއްޔަތުކަން ދިވެހި ދައުލަތުގައި ނެތުން ކަމަށް ހަމީދު ވިދާޅުވި ކަމަށް ލިޔެފައިވެއެވެ. އެ ގޮތުން އަމިއްލައަށް މަރުވެގެން ދިން ހަމަލައެއްގައި "މޮސްކޯ" އަލީ ޖަލީލު 2008 ގައި ބައިވެރިވީ އޭގެ 2 އަހަރު ކުރިން އޭނާ ޖަލަށް ލައި، ނަމަވެސް ދާދި އަވަހަށް މިނިވަން ކުރުމާ ގުޅިގެން ކަމަށް އެކްސްޕްރެސް އިން ބުންޏެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 2009 ވަނަ އަހަރު މާލޭގެ ސަލްޓަން ޕާކްގައި ބޮން ގޮއްވައި 12 ޓޫރިސްޓުން ޒަހަމް ކޮށްލި ހާދިސާގައި ބައިވެރިވި ފަރާތްތަކަށް މައާފު ދެއްވާފައިވާ ކަމަށާއި މި މީހުން މިހާރު އަންނަނީ ސީރިއާގައި ހަނގުރާމަ ކުރަމުން ކަމަށް އެކްސްޕްރެސްގެ ރިޕޯޓްގައިވެއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމުގައި ބޭނުން ކުރާ ދީނީ ޓެކްސްޓް ފޮތްތައް ވެސް މި ހަރަކާތަށް ބާރު ލިއްބައިދޭ ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދިވެހި ފަރާތްތަކުން ފާހަގަ ކުރާ ކަމަށާއި، އެ ގޮތުން "އިސްލާމް ދީނަށް ހުރަސް އަޅާ މީހުންނާ ދެކޮޅަށް ޖިހާދު ކުރުމަކީ މަޖުބޫރު ކަމެއް" ކަމަށް ގްރޭޑް 9 ގެ އިސްލާމް ޓެކްސްޓް ފޮތުގައި ލިޔެފައިވާ ކަމަށް އެކްސްޕްރެސްގެ ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން "މުސްލިމުން މުޅި ދުނިޔޭގެ މައްޗަށް ބާރު ހިންގާނޭ ދުވަސް ވަރަށް ކައިރިވެއްޖެ" ކަމަށާއި "އިސްލާމީ ހިލާފަތެއްގެ ވައުދު" ދީފައިވާ ކަމަށާއި "މިއީ ޔަހޫދީންނާއި ނަސޯރާއިން ބޭނުންވާ ގޮތް ނޫން" ކަމަށާއި "އިސްލާމް ދީނާ ދެކޮޅަށް ޔަހޫދީންނާއި ނަސޯރާއިން އަދިވެސް ގުޅިގެން މަސައްކަތް ކުރަމުން ގެންދަނީ މިހެންވެ" ކަމަށް މި ޓެކްސްޓް ފޮތުގައި ލިޔެފައިވާ ކަމަށް ވެސް އެކްސްޕްރެސް ނޫހުން ބުންޏެވެ.

އެ ނޫހުގައި ފަތުހު ﷲ ޖަމީލު ނަމަކަށް ކިޔާ ދިވެހި ޓެކްސީ ޑްރައިވަރެއްގެ ހަޔާތުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެއެވެ.

"ވައި ނުވަންނަ ކޮޓަރި" އެއްގައި ދިރިއުޅުނު ފަތުހު ﷲ ގެ ދަރިން ހުޅަނގު އޭޝިޔާއަށް ބަދަލުވި ކަމަށާއި ފަތުހު ﷲ އާއި އޭނާގެ އަންހެނުން ވެސް އެ ކުދިންނާ ގުޅުމަށް އެ ކުދިން އެދުނު ކަމަށްވެއެވެ. ފަތުހު ﷲ އޭނާގެ ޓެކްސީ ވިއްކާލުމަށް ފަހު އޭނާ ކައިވެނި ކޮށްގެން އުޅޭ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ޝާހް ބާނޫ އާ ގުޅުމަށް ތިރުވަނަންތަޕުރަމް ނުވަތަ ޓްރިވެންޑްރަމް އަށް ދަތުރު ކުރިއެވެ.

"ކެރަލާގެ ޖާސޫސީ އޮފިޝަލުން ހުރަސް ނޭޅި ނަމަ، މި މުސްކުޅި ދެމައިންގެ ރިޓަޔަމަންޓް މިހާރު ހޭދަކުރަމުން ދިޔައީހީ އިސްލާމިކް ސްޓޭޓްގައި އެ ދެ މީހުންގެ ޓްރިވެންޑްރަމުން ކިޔެވި ތިން ކުދިންނާއި އެ ތިން ކުދިންގެ އަނބިންނާއެކު،" އެކްސްޕްރެސް ނޫހުގެ ރިޕޯޓްގައި ބުނެފައިވެއެވެ.

ފަތުހު ﷲ އެކްސްޕްރެސް ނޫހަށް ބުނެފައިވާ ގޮތުގައި އޭނާގެ ދަރިން އައިއެސް އާ ގުޅުނީ ކީއްވެ ކަމެއް ނޭނގެއެވެ. އަސްހަމް ވެސް ކިޔެވި ޕާކިސްތާނުގެ ފައިސަލްއާބާދުގައި ހުންނަ ހައްދުފަހަނަޅާއިވާ ޖާމިއާ ސަލަފިއާއިން ކިޔެވުމަށް ފަހު ޖަމީލު އޭނާގެ ދަރިންނަށް ހިޔާރު ކުރީ އަލްމާނީ ތައުލީމެކެވެ. އެއީ އެ ކުދިން މާލެއިން ޕްރައިމަރީ ތައުލީމު ނިންމި ހިސާބުންނެވެ. އެ ކުދިން އެ ކުދިންގެ މަންމައާއެކު އިންޑިއާއަށް ދިރިއުޅުން ބަދަލުކޮށް ޓްރިވެންޑްރަމް އާ ގާތް ތަނަކުން ކިޔަވަން ފެށިއެވެ.

ޖަމީލު ބުނީ މާލޭގައި އޭނާ މިސްކިތެއްގައި މުދިމެއްގެ ވަޒީފާގައި އުޅުނުއިރު ލިބުނު ފަދަ ކުޑަ މުސާރައަކުން އޭނާގެ ދަރިންނަށް ވެސް ނޫޅެވޭނެތީ އޭނާގެ ދަރިންނަށް މި ގޮތަށް ތައުލީމު ދޭން ފޮނުވާލީ އެ ކުދިންނަށް ރަނގަޅު ހަޔާތެއް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް ނަތީޖާ ނުކުތީ ތަފާތުކޮށް ކަމަށް އެކްސްޕްރެސް ނޫހުގެ ރިޕޯޓްގައި ބުނެފައިވެއެވެ. އެ ގޮތުން މެދު ދަރިފުޅު އާތިފް ޖަމީލު އަށް އިމިގްރޭޝަން ސެކިއުރިޓީން ވަޒީފާއެއް ލިބުނު ނަމަވެސް ދޮށީ ދަރިފުޅު ސާމިހު ޖަމީލު މަސައްކަތް ކުރީ މަސްވެރިއެއްގެ ގޮތުގައި ކަމަށާއި ހަގު ދަރިފުޅު އާތަރު ޖަމީލު އަށް ވަޒީފާއެއް ނުލިބުނު ކަމަށާއި މިއީ 1 ލައްކަ އަށްވުރެ ގިނަ ބިދޭސީންނަށް ވަޒީފާ ދީފައިވާ ނަމަވެސް 25 ޕަސެންޓް ދިވެހި ޒުވާނުންނަށް ވަޒީފާ ނުލިބިވާ ދިވެހި ރާއްޖޭގެ ހާލަތު ކަމަށް އެކްސްޕްރެސް ނޫހުގައި ބަޔާން ކޮށްފައިވެއެވެ.

ސާމިހު 2013 ވަނަ އަހަރު ވެގެން ދިޔައީ ސީރިއާ އަށް ހަނގުރާމަ އަށް ދިޔަ ފުރަތަމަ ދިވެހި މީހާ ކަމަށް ނޫހުން ބުނެފައިވެއެވެ. އެ ގޮތުން އޭނާ އަށް މި މަގު ތައާރަފުވީ ޖިހާދަށް ގޮވާލާ ވެބްސައިޓަކުން ކަމަށާއި އެ ހިސާބުން މި މޭރުމުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތަކުން އޭނާ އައި.އެސްއާ ގުޅުވައިދިން ކަމަށެވެ.

"ހަމަ ހަގީގަތުގައި ވެސް އަހަރެންނަކަށް ނޭނގޭ. އޭނާ ބުނީ އޭނާ ދަނީ [މިސްރުގެ ވެރިރަށް] ގާހިރާގެ އިސްލާމީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތާއެކު މަސައްކަތް ކުރަން ކަމަށް،" ފަތުހު ﷲ ބުނި ކަމަށް އެކްސްޕްރެސްގެ ރިޕޯޓްގައިވެއެވެ.

މިދިޔަ ރަބީއު މޫސުމުގައި ސާމިހްގެ އަންހެނުން ނޫހާ އާއި އަނެއް ދެބެއިންނާއި އެ ދެބެއިންގެ އަންހެނުން ކަމަށްވާ ނަޖުމާ އާއި އިޒާވާ އައިއެސް އާ ގުޅުނެވެ.

"އެ ކުދިން އެކަންޏެއް ނޫން. މުހައްމަދު ޒަކްމާން އާދަމް އިސްމާއިލް އަދި އޭނާގެ އަންހެނުން މަރިޔަމް ސަނާ ވެސް މިދިޔަ އަހަރު އިސްލާމިކް ސްޓޭޓަށް ހިޖުރަ ކުރި،" އެކްސްޕްރެސް ނޫހުން ބުންޏެވެ.

ދިވެހި ސަރުކާރާ ހަވާލާ ދީ އެ ނޫހުން ބުނީ ސީރިއާ އަށް ދަތުރު ކުރި އެހެން ދިވެހި އާއިލާއެއްގެ ދަރިފުޅު މިދިޔަ ފެބްރުއަރީ މަހު ނިއުމޯނިއާ (ސިކުނޑީގެ ހުމެއް) ޖެހިގެން މަރުވި ކަމަށެވެ.

ފަތުހު ﷲ ބުނެފައިވަނީ އޭނާގެ ދަރިންގެ ނިންމުމަކީ ކަންތައްތައް ހުރި ގޮތުން ވީ ކަމެއް ކަމަށް ވެދާނެ ކަމަށެވެ. އެ ގޮތުން އެ ތިން ޒުވާނުން ކައިވެނި ކުރުމަށް ފަހު ވެސް އާއިލާގައި ހުރި ހަމައެކަނި ނިދާ ކޮޓަރި ޖެހުނީ ޝިފްޓް ބަހައިގެން ބޭނުން ކުރަން ކަމަށް، އެ އާއިލާގެ ހިތްދަތި ދިރިއުޅުން ކިޔައިދެމުން ފަތުހު ﷲ އެކްސްޕްރެސް ނޫހަށް ދީފައިވާ އިންޓަވިޔުގައި ބުނެފައިވެއެވެ.

ނޫހުން ކުރި ތަހުގީގަށް ފަހު ހެދި ވީޑިއޯގެ ކްލިޕެއް ވަނީ މި ރިޕޯޓާއެކު ޔޫޓިއުބަށް އަރުވައިފައެވެ. އޭގައި ބުނާ ގޮތުން ފަތުހު ﷲ ވަނީ އޭނާގެ މުސްކުޅި މަންމަ އާއި ބައްޕަ އޭނާގެ އެއް ކޮޓަރީގެ މާލޭގެ ގޭގައި ދިރިއުޅެން ދޫކޮށްލައިފައެވެ.

އަލީ ރަމީޒުގެ މަދަހައަކާއި ދިވެހި ބަހުން ދޭ ދީނީ ތަގުރީރެއްގެ އަޑު ބްކެގްރައުންޑުން އިވޭ މި ކްލިޕްގައި ހަސަން ޝިފާޒީ ކިޔާ ދިވެއްސެއްގެ ފޮޓޯ ދެއްކުމަށް ފަހު އޭނާ އަކީ އިސްލާމިކް ސްޓޭޓްގައި ހަނގުރާމާގައި މަރުވި ދިވެއްސެއް ކަމަށާއި އޭނާގެ ދެ ކުދިން އުޅެނީ މާލޭގައި ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ ދެ ދަރިންގެ ފޮޓޯ ދެއްކުމަށް ފަހު، އޭނާ ހަނގުރާމައަށް ދިޔައީ "ކީރިތި ރަސޫލާ ހުވަފެނެއްގައި އޭނާ ގާތުގައި އެ ކަމަށް އެދިވަޑައިގަތުމުން" ކަމަށް އަންހެނުން ބުނި ކަމަށް އެކްސްޕްރެސްއިން ބުންޏެވެ.

"ނަމަވެސް އޭނާގެ ރައްޓެހިންނާ ވާހަކަ ދައްކާލުމުން އިވުނީ ތަފާތު ވާހަކައެއް ކަމަށާއި އެއީ ޝިފާޒީގެ މާޒީ ގުޅިފައިވަނީ މަސްތުވާތަކެއްޗާއި މަގުމަތީގެ އަނިޔާވެރިކަމާ" ކަމަށް ކްލިޕްގައި ބުނެފައިވެއެވެ.

"އޭނާގެ ރީތިކަމުން އޭނާއަށް މޮޑެލްއަކަށް ނުވަތަ ފިލްމް ސްޓާރަކަށް ވެސް ވެވުނީސް. ނަމަވެސް ދިވެހި ރާއްޖެ އާއި ބަންގްލަދޭޝް އިން ޒުވާނުން އައިއެސް އާ ގުޅެނީ އެ ކުދިންގެ މާޒީގައި ކުރެވިފައި ހުރި ކުށްތަކަށް ތައުބާވުމަށް،" ކްލިޕްގައި ބުނެފައިވެއެވެ.

ކުރިން އިންޑިޔާ އަށް ބިރެއް ނެތް މި ދެ ގައުމުގައި މި ޒުވާނުންގެ ސިކުނޑިތަކާ ކުޅެލާ އިސްލާމީ ސިޔާސީ ވެރިން މިހާރު އުޅޭ ކަމަށާއި މި ފަދަ މީހުން އެ ކުދިންނަށް ވިސްނައިދެމުން އަންނަނީ މި ދުނިޔެ މަތީގައި ފުރިހަމަ ނުވާ ހަޔާތުގެ ކަންތައްތައް އަންނަން އޮތް ދުނިޔެއިން ފުރިހަމަވާނެ ކަމަށް، ކްލިޕްގައި ބުނެފައިވެއެވެ.

މި ފަދަ ހަތިޔާރު އެޅި އަދި އަސްކަރީ ތަމްރީން ލިބިފައިވާ ޒުވާނުން އެނބުރި ގައުމަށް އައުމުން ރާއްޖެ އާއި ބަންގްލަދޭޝްގައި މިހާރު ހޫނުވެފައިވާ ސިޔާސީ މަސްރަހު އިތުރަށް ގޯސްވެގެން ގޮސް ލޭއޮހޮރުވުންތަކަށް ދާނެ ކަމަށާއި އިންޑިޔާގެ އަވައްޓެރި މި ދެ ގައުމުގައި އިސްލާމީ ހިލާފަތް ކުރިއެރުމަކީ އިންޑިއާގެ ކުރިމަގަށް މިހާރު ބުނަން ނޭނގޭ ނަތީޖާތަކެއް ނުކުންނާނެ ކަމެއް ކަމަށް ވާތީ ޖާސޫސީ ފަރާތްތަކުން ބިރުގަންނަ ކަމަށް ވެސް އެކްސްޕްރެސްއިން ބުނެފައިވެއެވެ.