ރައްޔިތުން މަޖިލީހުގެ ގޮނޑިއަކަށް ރައްޔިތުން އިންތިހާބު ކުރީ ރައީސުލްޖުމްހޫރިޔާ އަބްދުﷲ ޔާމީނާއި ސަރުކާރުގެ އަޅު މަސައްކަތް ކުރަން ނޫން ކަމަށާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައްޔިތުން ތަމްސީލު ކުރާނެ މެންބަރަކަށް މަޖިލީހަށް އޭނާ އިންތިހާުބު ކުރީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށާއި މިއަދާ ހަމައަށް އެގޮތުގައި ހުންނެވި އިރު ދެންވެސް ހުންނަވާނީ އެގޮތުގައި ކަމަށް މަޖިލީހުގެ ގޮނޑި ގެއްލުނު މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ސިނާން ތަމްސީލު ކުރައްވަމުން އައި ގޮނޑި ގެއްލުނީ ރޭގަ އެވެ. މިއަދު އޭނާ ވިދާޅުވީ މަޖިލީހުގެ ގޮނޑިއަކަށްވުރެ އޭނާއަށް މުހިންމީ ގައުމާއި ރައްޔިތުން ކަމަށާއި ގޮނޑި ގެއްލުވާލި ނަމަވެސް އޭނާ އަޒުމާއި ހިތްވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
"އޭގެ ސަބަބުން އަޅުގަނޑަށް ލިބުނީ އިތުރު ހިތްވަރަކާއި ޖޯޝެއް، އަދި އިސްލާހަށް މަސައްކަތް ކުރުމުގެ އާ ފޯރިއެއް އުފެދިގެން ދިޔައީ، އަޅުގަނޑު މި ގޮތް މަތީގައި ދެމިހުންނާނަން،" ސިނާން ވިދާޅުވި އެވެ.
ސިނާން ވިދާޅުވީ ގޮނޑި ގެއްލުމަކީ އޭނާއަށް މައްސަލައެއް ނޫން ކަމަށާއި އެހެން ނަމަވެސް ސަރުކާރާއި ރައީސް ޔާމީން އަޅުއްވާ ކޮންމެ ފިޔަވަޅެއް އަޅަނީ ރައްޔިތުންނާއި ދުރަށް ކަމަށްވާތީ އެއީ މާ ބޮޑު މައްސަލައެއް ކަމަށެވެ. އިސްލާހީ މަސައްކަތުގައި ކުރިޔަށް ވަޑައިގަތުމަށް ހިތްވަރު ލިބެނީ އެފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑު މި ކުރާ މަސައްކަތުގައި ދެ މިހުންނާނަން، ގޮނޑި ގެއްލުވާލުމުން ރައްޔިތުންގެ ލޯތްބާއި އިތުބާރު އަޅުގަނޑަށް ކުރިޔަށް ވުރެ ބޮޑުވެގެން ދިޔައީ" ސިނާން ވިދާޅުވި އެވެ. "ގާނޫނުއަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ކުރާ ކަންކަން މިދަނީ ފެންނަމުން އެކަންކަމުގެ މައްޗަށް ފަހު ބަސް ބުނާނީ ރައްޔިތުން. އެހެންވީމާ ގޮނޑިއެއް ގެއްލިން އަޅުގަނޑު ކަންބޮޑުވާކަށް ނުޖެހޭ،"