ހަބަރު

ސިނާން މަޖިލީހަށް ހާޒިރުނުކުރާތީ ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅަމުންދާތީ އެކަމަށް ހައްލެއް ހޯއްދެއްވުމަށް ސުޕްރީމް ކޯޓަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ހުށަހެޅުއްވި މައްސަލަ ބަަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ސިނާން ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރައްޔިތުންގެ ފުރިހަމައަށް ތަމްސީލު ވާނޭ، އަދި ރައްޔިތުންގެ ފުރިހަމަ
ބައިވެރިވުން ލިބޭނޭ ދީމިގްރާތީ އުސޫލުތައް އެކުލެވޭނޭ، ޖަވާބުދާރީވާ، ހާމަކަން ބޮޑުކޮށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާނޭ ގަވާއިދުތައް ހަދާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ސާފު އިބާރާތުގައި، މެންބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި، އޭނާ ހިމެނޭ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު، އޭނާއަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ހައްގަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް ލިބޭ ހެއްގެއްގެ އިތުރުން ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ދަށުން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ، އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިންތިހާބުކުރާ މަންދޫބަކު މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމުގައި ބައިވެރިވުމުގެ އަސާސީ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

ސިނާން ހުށަހެޅުއްވި މައްސަލާގައި އެދިފައިވަނީ ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރުކޮށް ދެއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށް ދެއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޖަލްސާތަކުގައި ބައިވެރިވުމަށް ލިބިގެންވާ ހައްގަށް ހުރަސް ނޭޅުމަށާއި، އެ ހައްގުގެ ބޭނުންކުރުމުގައި އެހީތެރިވެދިނުމަށް ދައުލަތުގެ އެންމެހައި އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

އެ މައްސަލަ ބަަލައިނުގަތުމަށް ނިންމައި ސުޕްރީމް ކޯޓުން ބުނީ އެ މައްސަލައަކީ، ދައުލަތުގެ އިދާރާއަކުން ނިންމާފައިވާ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެކަން ބާތިލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެފައި، ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ)އަށް ރިއާޔަތްކުރުމުން، މިފަދަ އިދާރީ ޠަބީއަތުގެ މައްސަލަތައް
ފުރަތަމަ ބެލުމަށްޓަކައި ކަމާބެހޭ ދަށު ކޯޓަށް ހުށަހެޅުމަށް ހުރަސް އަޅާފައިނުވާކަން އެނގެން އޮންނާތީ ކަމަށެވެ. އަދި އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން މިކޯޓުގެ އަސްލީ އިހްތިސޯސްގެ ދަށުން ބަލައިގަންނަންޖެހޭ ފަދަ މައްސަލައެއްގެ ގޮތުގައި ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ނުފެންނާތީ ކަމަށެވެ.