ނ.މަނަދޫގައި ހުންނަ ނ އަތޮޅު ހޮސްޕިޓަލުން ޑައިލިސިސްގެ ހިދުމަތް ދޭން ފަށައިފި އެވެ. މިއީ އަތޮޅު ތެރޭގައި މި ހިދުމަތް ފެށި ފުރަތަމަ ހޮސްޕިޓަލެވެ.
އެ ހިދުމަތް ފައްޓަވައި ދެއްވީ އިއްޔެ އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. ނ އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ހިދުމަތް ފެށީ ދެ މެޝިންއާ އެކު އެވެ. ނ އަތޮޅުގައި އެ ހިދުމަތް ބޭނުންވާ މީހުން މިހާރު އަންނަނީ މާލެއަށް ނޫނީ ދަނީ ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ. ޑަޔަލިސިސްގެ ހިދުމަތް ބޭނުންވާ 25 މީހަކު ނ އަތޮޅުގައި ދިރިއުޅެމުން އާދެ އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސިޔާސީ ގޮތުން ގައުމު ކިތަންމެ ހަލަބޮލި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އަޒުމަކީ ތަރައްގީ ގެނައުން ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި ސިއްހީ އިތުރު ހިދުމަތްތައް މި ދައުރު ނިމުމުގެ ކުރިން ތަރައްގީ ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ދިވެހިންނަށް އެންމެ މަތީ ފެންވަރުގެ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
" އަޅުގަނޑު ދަންނަވާނީ މިއީ މި އަތޮޅުގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެކޭ. މިކަމުގެ ސަބަބުން މި އަތޮޅުގެ ސިއްހީ ފަރުވާގެ ހިދުމަތް އިތުރަށް ރަނގަޅު ވެގެންދާނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޑައިލިސިސް ޔުނިޓް ގާއިމް ކުރުމުގައި އެހީތެރިވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ދީފަ އެވެ.