މީގެ ދުވަސްކޮޅެއް ކުރިން ބަތަލާ ސަނީ ލިއޯން ވަނީ ކުއްޖަކު ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ސަނީގެ އެ ކޮމެންޓާ އެކު އޭނާ އާއި ފިރިމީހާ ޑެނިއަލް ވެބާ ކުއްޖަކު ހޯދަން އުޅޭ ކަމުގެ ވާހަކަތައް ވަނީ ވަރަށް ގަދަޔަށް ދެކެވިގެން ގޮސްފަ އެވެ.
ހަގީގަތުުގައި ސަނީ ކުއްޖަކު ވަރަށް އަވަހަށް ހޯދާނެ ކަމަށް ދެއްކި ވާހަކަ އަކީ ކުއްޖަކު އެޑޮޕްޓްކުރަން ނިންމި ވާހަކަ އެވެ. އޭނާ އާއި ޑެނިއަލް ވަނީ އެއް އަހަރާ ނުވަ މަސް ވެފައިވާ އަންހެން ކުއްޖެއް މިދިޔަ ހަފްތާ އެޑޮޕްޓްކޮށްފަ އެވެ.
އެ ތުއްތު ކުއްޖާ އެޑޮޕްޓްކުރިކަން ޔަގީންކޮށްދެމުން ސަނީ ވަނީ އެ ކުއްޖާ އަށް ނިޝާ ކޯރް ވެބާގެ ނަމުން ނަން ވެސް ދީފައިވާ ކަމަށް ބުނެފަ އެވެ.
އަދި ނިޝާ އާއި އޭނާ އާއި ޑެނިއަލް އާ ދިމާވީ މީގެ ދޮޅު އަހަރު ކުރިން މަހަރާޝްތްރާ ސްޓޭޓުގެ ލާތުރުގައި ހުންނަ އޯފަނޭޖަކަށް ކުރި ޒިޔާރަތެއްގެ ތެރެއިން ކަމަށް ސަނީ ވަނީ ބުނެފަ އެވެ.
ނިޝާއާ ފުރަތަމަ ބައްދަލުވި ފަހަރު އެ ކުއްޖާގެ ލޯބި ކަމުން އޭނާ ދެކެ ލޯބިވެވި، އެޑޮޕްޓެކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ އަހަރަކަށް ވުރެން ގިނަ ދުުވަސްވެފައިވާ ކަމަށެވެ.
އަލަށް ތުއްތު ކުއްޖެއްގެ މަންމަ އަކަށް ވުމުން ލިބުނު އުފާ ބަޔާންކުރަން ދަތިކަމަށް ސަނީ ވަނީ ބުނެފަ އެވެ. އަދި އޭނާ އާއި ޑެނިއަލް އަށް މި ހުރިހާ ކަމެއް ވެސް ވަރަށް އާ ކަމަށް ބުނެފަ އެވެ.
"އެހެން މީހުންނަށް ދަރިން ލިބެނީ ނުވަ މަސް ދުވަހުގެ ދިގު އިންތިޒާރަކަށް ފަހު. ނިޝާ އަހަރުމެންނަށް ލިބުނީ ހުރިހާ ކަމެއް ތިން ހަފްތާގެ ތެރޭގައި. އަހަރުމެންނަށް ލިބުނު އުފާ ބަޔާންކުރަން ދަތި،" ސަނީ ބުނެފައިވެ އެވެ.
ސަނީ އިތުރަށް ވަނީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުން ފެށިގެން އޭނާ އާއި ޑެނިއަލް އައީ ކުއްޖަކު އެޑޮޕްޓްކުރަން މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން އެކި ޑޮކިއުމަންޓްތައް އޯފަނޭޖަށް ހުށަހަޅައި، އެތަކެއް އިންތިޒާރެއް ކުރި ފަހުން ނިޝާ އެމީހުންނަށް ލިބޭކަން އެނގުނީ މީގެ ދުވަސްތަކެއް ކުރިންް ކަމަށެވެ.
މި ވަގުތު އޭނާގެ މަސައްކަތްތައް ހުރި ގޮތުން އަމިއްލަ ކުއްޖަކު ހޯދަން ތައްޔާރު ނޫން ކަމަށް ވެސް ސަނީ ވަނީ ބުނެފަ އެވެ. އަދި ބޮލީވުޑްގެ އެހެން ބައެއް ތަރިންނެކޭ އެއްގޮތަށް ސަރޮގޭޓް މަންމައެއް މެދުވެރިކޮށް ކުއްޖަކު ހޯދުމުގެ ހިޔާލުވެސް ގެންގުޅުނު ކަމަށާއި ނަމަވެސް ކުއްޖަކު އެޑޮޕްޓްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ އާއި ޑެނިއަލް އަށް ވިސްނުނު ކަމަށް ވަނީ ބުނެފަ އެވެ.
ބޮލީވުޑަށް ނިކުތުުމުގެ ކުރިން އެޑަލްޓް ތަރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ސަނީ ބޮލީވުޑަށް ނިކުމެފައި ވަނީ 2012 ވަނަ އަހަރު ނިކުތް
"ޖިސް 2" އިންނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަނީ ވަނީ ބޮލީވުޑްގައި ރަނގަޅު މަގާމެއް ހޯދާފަ އެވެ.