ބޮލީވުޑް

ލާރާ ދައްތާ އެނބުރި އަންނަނީ "ކްރޭޒީ ހަމް" އިން

Jul 22, 2017

ޓެނިސް ތަރި މަހޭޝް ބުޕާޓީއާ ކައިވެނިކޮށް ކުއްޖަކު ލިބުނު ފަހުން ކުރީގެ މަޝްހޫރު ބަތަލާ ލާރާ ދައްތާ ފިލްމުތަކުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް "އަޒްހަރް" އިންނެވެ.

އަހަރެއްގެ ބްރޭކަކަށްފަހު އަލުން ލަރާ އަންނަނީ އޭނާ އެނބުރި އަންނަ ފިލްމުގެ މަސައްކަތްކުރަމުންނެވެ. ނިއުޔޯކް ގައި މިހާރު ޝޫޓިން ކުރަމުން އަންނަ މި ފިލްމަކީ "ކްރޭޒީ ހަމް" ކިޔާ ހެއްވާ މަޖާ ފިލްމެކެވެ. ލާރާ މުހިންމު ރޯލަކުން މި ފިލްމުގައި ފެނިގެންދާއިރު ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުގެ ހާއްސަ ފެނިލުންތަކެއް ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރާއި، ސަލްމާން ޚާނާއި ސޮނާކްޝީ ސިންހާ އަދި އަދިތްޔަ ރޯއި ކަޕޫރާއި ދިލްޖިތް ދޮސަންޖް ހިމެނެ އެވެ.

ލަރާ މި ފިލްމުގައި ކުޅޭ ރޯލަކީ ބޮލީވުޑްގެ އެންމެ ޝަރަފުވެރި އެވޯޑް، އިންޑިއަން އިންޓަނޭޝަނަލް ފިލްމު އެވޯޑްސް (އައިފާ) ގެ މެނޭޖްމަންޓް ހެޑްގެ ރޯލެވެ.

މި ފިލްމުގައިި ލަރާ ކުޅޭ ރޯލުގެ ތަފާތު ކަންތައްތަކެއް ހިމެނޭ ރޯލަކަށް ވާތީ ފިލްމުން ހުށަހެޅުން ލިބުމުން އޭނާ ވަނީ ވަގުތުން ފިލްމު ކުޅެން އެއްބަސްވެފަ އެވެ.

މި ފިލްމު ކުޅެމުން އަންނަކަން ޔަގީންކޮށްދެމުން ލާރާ ވަނީ މިދިޔަ ހަފްތާ ބަންދުގައި ނިއުޔޯކްގައި ކުރިއަށް ދިޔަ 18 ވަނަ އައިފާ އެވޯޑް ހަފްލާގެ އެކި އިވެންޓްގައި ފިލްމުގެ ބައެއް މަންޒަރުތައް ނަގާފަ އެވެ. އެގޮތުން އައިފާގެ ގްރީން ކާޕެޓުގައި ސޮނާކްޝީ އާއި ދިލްޖިތާއެކު އެކު ހިނގަނިކޮށް ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ޝެއާ ކުރަމުން ވަނީ އެތަނަށް ބޮލީވުޑްގެ ފަންނާނުންނަށް ސަޕޯޓްކުރަން އެއްވެ ތިބި ފޭނުންނާ ސަލާންކޮށް ޓާޓާ ވެސް ކިޔާ ނުލެވުނީ ފިލްމުގެ މަންޒަރެއް ނަގަމުން ދިޔުމުން ކަމަށާއި، އެ ވަގުތު އެތަނުގައި ތިބި އެންމެން ވެސް ފިލްމުގެ އެ މަންޒަރަށް އަރާނެ ކަމަށް ބުނެފަ އެވެ.

މިސް ޔުނިވާސްގެ މަގާމު 2000 ވަނަ އަހަރު ކާމިޔާބުކުރި ލާރާ ވަނީ މިހާތަނަށް ކާމިޔާބު ގިނަ ހިންދީ ފިލްމުތަކަކުން ފެނިގެން ގޮސްފަ އެވެ.