ދުނިޔެ

ގުދުސްގައި ބޮޑެތި މުޒާހަރާތަކެއް، ފަލަސްތީނު ތިން މީހުން މަރާލައިފި

އިޒްރޭލުން ގަދަބާރު ވެރިވެގަނެގެން އުޅޭ ގުދުސްގައި ހުންނަ އަލް އަޤުޞާ މިސްކިތަށް ވަންނަން ހުންނަ ދޮރާށިތަކުގައި މެޓަލް ޑިޓެކްޓަރު ހަރުކޮށް، އެމިސްކިތަށް ވަދެވޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށް ކަނޑައެޅުމުން ފަލަސްތީނު މީހުން މުޒާހަރާ ކުރަމުން އެބަދެއެވެ.

އިއްޔެ ހުކުރު ނަމާދަށް ފަހު ގުދުސާއި ފަލަސްތީނުގެ އެހެން ބައެއް ސަރަހައްދުތަކުގައި މުޒާހަރާތައް ކުރަނިކޮށް، ތަފާތު ތިން ހާދިސާއެއްގައި ފަލަސްތީނުގެ ތިން މީހުން ވަނީ މަރާލާފައެވެ.

ފުރަތަމަ ހާދިސާގައި ފަލަސްތީނުގެ އުމުރުން 18 އަހަރުގެ މުޙައްމަދު މަޙުމޫދު ޝަރަފް ނަމަކަށް ކިޔާ ޒުވާނެއްގެ ގުދުސްގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީއަކު ބަޑި ޖަހައި މަރައިލިއެވެ. ފަލަސްތީނުގެ ދެވަނަ މީހާ މަރުވީ ގުދުސްގައި މުޒާހަރާ ކުރަމުން ދިޔަ ފަލަސްތީނު މީހުންގެ ތެރެއަށް އިޒްރޭލު ފުލުހުން ބަޑިޖެހުމުގެ ސަބަބުންނެވެ.

ތިން ވަނަ މީހާ މަރުވީ ހުޅަނގު އައްސޭރީގެ އެހެން ސަރަހައްދެއްގައި މުޒާހަރާ ކުރަމުން ދިޔަ ފަލަސްތީނު މީހުންތަކަކަށް އިޒްރޭލު ފުލުހުން ދިން ހަމަލާއެއްގައެވެ.

ފަލަސްތީނުގެ ރެޑްކްރެސެންޓް ޖަމާއަތަކާ ހަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ އިއްޔެ މުޒާހަރާތަކުގައި މަރުވި މީހުންގެ އިތުރުން 124 މީހަކު ޒަހަމްވި ކަމަށެވެ.

އަޤުޞާ މިސްކިތަށް ވަނުމަށް އިޒްރޭލުން ހުރަސްތައް ކުރިމަތިކޮށް، އެމިސްކިތުގެ ބޭރުގައި ނަމާދަށް ތިބި މީހުންނަށް އަނިޔާކުރަނިކޮށް، ފަލަސްތީނު މީހުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ތިން މީހަކަށް ވަޅިން ހަމަލާދީ މަރާލާފައެވެ.