ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ހާލު ދެރަވެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށާއި އެ މަނިކުފާނަށް އެކަށީގެންވާ ބޭސް ފަރުވާ ކުރަން ފުރުސަތު ނުދޭ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވާ ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި ކުއްލި އަކަށް ހާލު ދެރަވި ގާސިމް އަދިވެސް އޮތީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި ބޭސް ފަރުވާއަށް ސިިންގަޕޫރަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.
ގާސިމްގެ ވަކީލުން މިއަދު ނެރުން ބަޔާނެއްގައި ބުނަނީ ގާސިމްގެ ހާލު ދުވަހަކަށް ވުރެ ދުވަހެއް ދަނީ ގޯސްވަމުން ކަމަށާއި އެ މަނިކުފާނުގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި އެކަން، ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ތަކުރާރުކޮށް ގެނެސް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަށް އެދުން ނަމަވެސް އެ ހުއްދަ ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅާފައިވާ ކަމަށާއި އެ ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން އަވަސް ފިޔަވަޅުތަކެއް އަޅާ ދިނުމަށް އެދިފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"... ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފުސު ރައްކާތެރިކުރުމުގެ ހައްގު ގާނޫން އަސާސީގައި ކަށަވަރުކޮށްދީފައިވާ އިރު އެ ހައްގަކީ ގާސިމްއަށް ވެސް ލިބެން ޖެހޭ ހައްގެއް. ނަމަވެސް ގާސިމް ވަނީ އެ ހައްގުން މަހުރޫމް ކުރެވިފައި. އެމަނިކުފާނުގެ ފުރާނައާ މެދު ނަގަންޖެހިދާނެ ޒިންމާއަކަށް ޖެހިލުންވުމެއް ނެތި، ދުސްތޫރީ ހައްގުތައް ކަށަރަވަރުކޮށްދިނުމާއި އިންސާނީ ކަރާމަތާއި ހަމަހަމަކަން ނެގެހެއްޓުމަށް ގާނޫނުއަސާސީން އެބަޔަކާ މަތިކޮށްފައިވާ ފަރާތްތައް ޒިންމާދާރުކަމާއެކު އެވާޖިބު އަދާކުރުމަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ވަކީލުން އިތުރަށް ވަނީ ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަތުމަށް އެމަނިކްފާނުގެ ޕާސްޕޯޓު ދޫކޮށްލުމަށް އެދިފަ އެވެ.