ހަބަރު

ލ ލިންކްގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

ލ. އަތޮޅުގެ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ އުމުރުން 66 އަހަރުގެ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ 8:18 ހާއިރު ސައިކަލެއްގައި ދުއްވާފައި ދިޔަ ފިރިހެނަކު މަގުގެ އެއް ފަރާތެއްގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން އުމުރުން 66 އަހަރުގެ އެ މީހާ މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަންޒަރުދުށް މީހުން ބުނި ގޮތުގައި އޭނާ ދުއްވި ސައިކަލް މަގުގެ އެއް ފަރާތުގައި ޕާކްކޮށްގެން މުދާ އަރުވަމުން ދިޔަ ޕިކަޕެއްގައި ޖެހި، އެ މީހާ ވަރަށް ދުރަށް ވިއްސައިގެން ދިޔަ ކަމަށެވެ. ސައިކަލްގައި އިނީ އޭނާ އެކަންޏެވެ.

އެނގިފައިވާ ގޮތުގައި އެ މީހާއަށް ކިޔަނީ އަބްދުއް ސައްތާރު މުހައްމަދެވެ. އަދި އޭނާ މަރުވީ އަނިޔާތަކާއެކު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

މިއަހަރުގެ ތެރޭގައި ވެސް، ލ ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގައި މީހަކު ވަނީ މަރުވެފަ އެވެ.