ލާމް ލިންކް

ލާމް ލިންކްގައި އެކްސިޑެންޓެއްވެ ދެ މީހަކަށް އަނިޔާ

ލ. ލިންކްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ބޮޑެތި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ލާމް ލިންކުގެ ފޮނަދޫ އާއި ކައްދޫ ގުޅޭ ކޯޒުވޭ ހުރަސް ކޮށްދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ސައިކަލްގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. ސައިކަލް ވެއްޓިފައިވަނީ އޭގެ ހަރު، މަގުގެ ތާރުގަނޑުގައި އަޅައިގަނެގެން ނެވެ.

މިއަދު ހަވީރު 5:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އެ ދެ މީހުންނަށް ވެސް މިހާރު ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މަންޒަރު ދުށް މީހުނާ ހަވާލާދީ ބައެއް މީހުން ބުނެފައި ވަނީ ދެ މީހުންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން އެކަކު ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ ހޭނެތިފަ އެވެ.

އަނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ ދެ ޒުވާނަކަށެވެ. އެކްސިޑެންޓްވީއިރު އެެ ދެ މީހުން ތިބީ ހެލެމެޓް ނާޅަ އެވެ.