ހަބަރު

ސަދަގާތް ފައުންޑޭޝަންގެ އެހީގައި 50 މީހަކު ހައްޖަށް ފޮނުވަނީ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފަސްޓްލޭޑީ ފާތިމަތު އިބްރާހިމްގެ ސަދަގާތު ފައުންޑޭޝަންގެ ފަރާތުން 50 މީހުންނަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދީފި އެވެ. އަދި ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް މިއަދު ވަނީ އެ ފަރާތްތަކާ ބައްދަލު ކުރައްވައިފަ އެވެ.

ސަދަގާތު ފައުންޑޭޝަންގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ އެ ފައުންޑޭޝަނުން މި އަހަރު ވެސް 50 މީހުންނަށް ހައްޖަަށް ދިޔުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް އެ ފަރާތްތަކާ ބައްދަލު ކުރައްވާ ހާލު އޮޅުން ފިލުވާފައިވެ އެވެ. ސޮދަގާތު ފައުންޑޭޝަންގެ އެހީގައި ހައްޖަށް ދާ ފަރާތްތަކާ މެޑަމް ފާތުން ބައްދަލު ކުރެއްވީ މިއަދު މުލިޔާގޭގަ އެވެ.

އެނގިފައިވާ ގޮތުގައި ސަދަގާތު ފައުންޑޭޝަނުން ހައްޖަށް މީހުން ފޮނުވަނީ ހައްޖު ކޯޕަރޭޝަން މެދުވެރިވެގެނެވެ. އެކަމާ ގުޅިގެން އެ ކޯޕަރޭޝަންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ސަދަގާތު ފައުންޑޭޝަން އިން މިދިޔަ އަހަރު ވެސް ވަނީ 50 މީހުންނަށް ހައްޖު ދަތުރު ދީފަ އެވެ.

މިއަހަރު މުޅި ޖުމްލަ 1000 ހައްޖު ކޯޓާ ރާއްޖެއަށް ލިބިފައިވާ އިރު އޭގެތެރެއިން ހައްޖު ކޯޕަރޭޝަނަށް ދީފައިވަނީ 700 ކޯޓާއެވެ. ސޮދަގާތު ފައުންޑޭޝަންގެ އެހީގައި ހައްޖަށް ދާ ފަރާތްތަކަށް ދިނީ އޭގެ ތެރެއިން 50 ކޯޓާ އެވެ.