ރިޕޯޓް

ދިވެހިން އަބަދު ތިބެންވީ އާބިޓްރޭޝަންގައިތަ؟

Jul 23, 2017
16

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މިއީ އެވެ. އެއްބަސްވުމެއް ވެއްޖެނަމަ އެއަށް އިހުތިރާމު ކުރަން ޖެހޭނެ އެވެ. ހަމަ ހިތަށް އަރާއިރަށް އެއްބަސްވުމުގައި ސޮއިކޮށްފައި މާދަމާ އެ ބާތިލް ކުރުމަކީ މި އަދުގެ ދުނިޔޭގައި ކުރާ ކަމެއް ނޫނެވެ. އެ މަގުން ހިނގަން ދިމާކޮށްފިނަމަ އޭގެ ބަދަލު ދޭން ޖެހޭނެ އެވެ. މިހެން ބުނަން ޖެހެނީ ރާއްޖޭގައި އިންވެސްޓް ކުރަން ބައެއް ގައުމުތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ އެއްބަސްވުންތައް "އުވާލާނެ ކަމަށް" ބައެއް ސިޔާސީ މީހުން ދައްކަމުންދާ ވާހަކަ ތަކާ ގުޅުވައިގެންނެވެ.

މި ވާހަކަ ރަނގަޅަށް އޮލަކޮށްލުމުގެ ކުރިން ފަހަތް އެނބުރި ބަލައިލާނަމެވެ. މަޝްހޫރު "ޖީއެމްއާރު މައްސަލަ" އަށެވެ. ކުރީގެ ސަރުކާރުން ރާއްޖޭގެ މައި އެއާޕޯޓްގެ ހިނގުން އިންޑިޔާގެ ޖީއެމްއާރު ކިޔާ ކުންފުންޏަކާ ހަވާލު ކުރި އެވެ. އެކަން ވެގެން ދިޔައީ އޭރު ތިބި ސިޔާސީ މީހުން "ކަތި ނަޒަރަކުން" ބެލި ކަމަކަށެވެ. ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމުގައި ނުކިއްސަރު ކަންތައްތަކެއް ކުރި ކަމަށް ބުނެ ކުދި ކިޔަން ފަށައިފި އެވެ. ދެން ފެނިގެން ދިޔައީ ޖީއެމްއާރުގެ އަތުން އެއާޕޯޓު "ފެލާ ލައިގެން ނަމަވެސް" އަތުލަން މަސައްކަތް ފެށި ތަނެވެ. މި މަސައްކަތުގައި އޭރު ތިބި މީހުންގެ ލަވައިގެ ރާގު ހުރީ "ދިވެހިންގެ އެއާޕޯޓު" ދިވެހިންނަށް މިހެންނެވެ. އިސާހިތަކު ލަވައިގެ އަޑު ގަދަވެއްޖެ އެވެ. އެންމެ ފަހުން ޖީއެމްއާރަށް ޖެހުނީ ރާއްޖެ ދޫކޮށްދާށެވެ. އެ ކުންފުނީގެ އެއްބަސްވުން ބާތިލް ކުރީ އެވެ.

ޖީއެމްއާރުގެ އެއްބަސްވުން ބާތިލް ކުރިއިރު އެތައް މިލިއަން ޑޮލަރެއްގެ ގެރެންޓީއެއް ދިވެހި ސަރުކާރުން ވަނީ ދީފަ އެވެ. އަދި އެ ކުންފުނިން ބޭރުގެ މާލީ އިދާރާއަކުން ލޯނު ވެސް ނަގައިފި އެވެ. އަދި ޖީއެމްއާރުން ރާއްޖޭގައި އިންވެސްޓްމަންޓް ތަކެއް ވެސް ވަނީ ކޮށްފަ އެވެ. އެހެންވެ އެ ކުންފުނިން ބަދަލު ހޯދަން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދިޔައީ އެވެ. ބަދަލުގެ ގޮތުގައި އެދުނީ 1.4 ބިލިއަން ޑޮލަރު ހޯދުމަށް އެދުނެވެ. ނަމަވެސް ހަތަރު އަހަރު ފަހުން މައްސަލަ ނިންމިއިރު، މި އަދަދު ވަނީ 250 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާ) އަށް ކުޑަ ވެފަ އެވެ. އެންމެ ފަހުން ސަރުކާރުން ވަނީ މި ފައިސާ އެއްކޮށް ދައްކައި ހަލާސްކޮށްފަ އެވެ. އެއާޕޯޓު ހިނގާ އެމްއޭސީއެލް އިން މި ފައިސާ ދެއްކި ނަމަވެސް މިކަންވީ މާލީ ގޮތުން ބޮޑު ގޮންޖުމަކަށެވެ. މި މައްސަލައިގެ އަޑު މުޅި ދުނިޔޭގައި ގުގުމައިލި އެވެ.

ދެން އޮތީ މިއަދު މި ދައްކާ މި ދައްކާ ވާހަކަ އެވެ؛ ކޮންމެ ގޮތެއްގައި ނަމަވެސް ގިނަ ގައުމުތަކެއްގެ ކުންފުނި ތަކަކުން ރާއްޖޭގައި ވަނީ ބިޔަ އިންވެސްޓްމަންޓް ތަކެއް ކޮށްފަ އެވެ. މީގެތެރޭގައި ތިބީ ހަމައެކަނި ތިބީ ޗައިނާގެ ކުންފުނިތައް އެކަންޏެއް ވެސް ނޫނެވެ. މާލެ ކައިރިން ފަށާނަމަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތައް ހަދަނީ އިންޑިޔާ ކުންފުންޏެވެ. އެއާޕޯޓުގެ ޓާމިނަލް އަޅަނީ ސައޫދީ ކުންފުންޏަކުންނެވެ. އަދި ރަންވޭ ހަދަނީ ޗައިނާ ކުންފުންޏަކުންނެވެ. އަދި ސީދާ އަމިއްލަ ކުންފުނިތަކާއި ސަރުކާރާ ގުޅިގެން ކޮށްފައިވާ އިންވެސްޓްމަންޓްތައް ވެސް މަދެކޭ ނުބުނެވޭނެ އެވެ.

ހިސާބު އަދަދު ތަކަށް ބަލާއިރު އެތައް ބިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ބެލެވެ އެވެ. އަދި ގިނަ މަޝްރޫއުތަކަށް މާލީ ގިނަ އިދާރާތަކުން ލޯނުތައް ވެސް ވަނީ ނަގާފަ އެވެ. ދެން، އުފެދޭ ސުވާލަކީ ގައުމުގެ ހިންގުމަށް އަންނަ ކޮންމެ ބަދަލަކާއެކު އިންވެސްޓަރުން އެ ބުރަ އުފުލަން ޖެހޭ ފޯމިއުލާއަކީ ކޮބައި ހެއްޔެވެ؟

އެހެން ގައުމެއްގައި މިކަންނަމަވެސް، މިއީ ރާއްޖެ ފަދަ ކުޑަ އިގްތިސާދަކަށް އުފުލޭނެ ވަރުގެ ބުރަ އަކަށްވާނެ ހެއްޔެވެ؟ ކޮންމެ ފަހަރު ދައުރު ބަދަލުވާއިރަށް އަންނަ ވެރިމީހާ އޭގެ ކުރީގައި ދީފައިވާ އެއްބަސްވުންތައް ބާތިލުކޮށް އިންވެސްޓަރު ގާދޫކޮލުން ނެރެ "ހޫރާލަން" ޖެހޭ ހެއްޔެވެ؟ މި ވިސްނުން ބަދަލު ކުރަން ނުވޭ ހެއްޔެވެ؟

މި ފަދަ ކަންކަން ކުރަން ވިސްނުމަކީ ވެސް ގައުމާ މެދު ވިސްނާ ނުލުން ނުވަތަ އިގްތިސާދީ ދުނިޔޭގެ އާޖު ފާޖު ނުދަތުން ނޫނީ ނުވާނެ ނޫން ހެއްޔެވެ؟ ކުޑަ މިސާލަކީ މިސާލެއްގެ ގޮތުން ހުޅުލެ- މާލެ ބުރިޖެވެ. ބްރިޖުގެ މަސައްކަތުގެ ބޮޑު ބައެއް ދަނީ ނިމެމުންނެވެ. މި ހިސާބުން މަސައްކަތް ހުއްޓާލައިފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަދި ބިލިއަނެއްހާ ޑޮލަރު އަގު ބޮޑު އެއާޕޯޓުގެ މަސައްކަތް ދެން އަންނަ ބަޔަކު ހުއްޓުވައިފިނަމަ، އެއާޕޯޓު އަޅާނީ ކޮން ބައެއް ހެއްޔެވެ؟ ނެގި ލޯނުތަކަށް ލާރި ދައްކަން ޖެހޭނެ އެވެ. އެ ތަނަށް ލާރި ލިބެން އޮތީ އެއާޕޯޓު ހުޅުވައި އޮޕަރޭޝަނަށް ގެނެވިގެންނެވެ. ކޮންމެ ފަސް އަހަރަކުން މަޝްރޫއުތައް އަތުލައި، ދޭނަމަ ދެން އިންވެސްޓަރުންނޭ ކިޔައިގެން ވާހަކަ ނުދެއްކުން ރަނގަޅު ވާނެ ނޫން ތޯ އެވެ؟ މިހެންކަންކަން ހިނގާނަމަ އިންވެސްޓަރުންނަށް އޮންނާނީ ކޮން އިތުބާރެއް ހެއްޔެވެ؟

މި މަގުން ކަންކަން ގެންދަން "ވިސްނާނަމަ" ރާއްޖެ އަބަދު ވެސް އޮންނާނީ ސިންގަޕޫރު އާބިޓްރޭޝަންގަ އެވެ. އަބަދު ޖެހޭނީ ބަދަލު ދޭށެވެ. އަދި ކޮންމެ ފަސް އަހަރަކުން ވެރިކަމަށް އަންނަ ބަޔަކު އެބުރަ އުފުލަން ނުޖެހޭނެ ހެއްޔެވެ؟