ހަބަރު

އެއްވުމަކީ ވަކި ވުޒާރާއަކުން ދޭ ހައްގެއް ނޫން: ނަޝީދު

Jul 23, 2017
10

އެއްވެ އުޅުމުގެ ހައްގަކީ ސަރުކާރުގެ ވަކި ވުޒާރާއަކުންދޭ ހުއްދައަކަށް ބިނާވާ ހައްގެއް ނޫން ކަމަށާއި އެކަމަކީ ގާނޫނު އަސާސީން އެންމެނަށް ލިބިދޭ ހައްގެއް ކަމަށް ރާއްޖެއިން ބޭރަށް އަމިއްލަ އަށް އަރުވާލެވިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެއްވެ އުޅުމުގެ ހައްގަކީ ސަރުކާރުގެ ވަކި ވުޒާރާއަކުންދޭ ހުއްދައަކަށް ބިނާވާ ކަމެއް ނޫން ކަމަށާއި އެއްވެ އުޅުމުގެ ހައްގަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެ ކަމަށެވެ.

ނަޝީދު އެގޮތަށް ވިދާޅުވެ ޓްވީޓް ކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން ތިން ބާރު ވަކިކުރުމުގެ ނަމުގައި މާދަމާ ބާއްވަން ހަމަޖެހިފައިވާ ބޮޑު މުޒާހަރާ ބޭއްވުމުގެ ހުއްދަ ފުލުހުން ދީފައި ނުވުމުންނެވެ. ނަޝީދު މިއަދު ކުރި ޓްވީޓްގައި މާދަމާގެ މުޒާހަރާއަށް އެންމެން ނިކުތުމަށްވެސް ވަނީ ގޮވާލާފަ އެވެ.

އިދިކޮޅު އިއްތިހާދުގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވަނީ މ. ކުނޫޒުގައި ބާއްވާ ޖަލްސާ އާއި ހޯމަ ދުވަހު އެއްވުމެއް ބާއްވަން ފުލުހުންގެ އިސްވެރިން ހުއްދަ ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ މާދަމާ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ގުޅިފައިވާ އިދިކޮޅު ޕާޓީތަކަށް ސިޔާސީ އެއްވުމެއް ބޭއްވުމުގެ ހުއްދައެއް ދީފައި ނުވާނެ ކަމަށާއި އެފަދަ ހަރަކާތެއްގައި އެއްވެސް ފުލުހަކު ބައިވެރި ނުވާނެ ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އެއްވެސް އެއްވުމެއް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް ޝިފާން ވިދާޅުވެފައި ވެއެވެ.

އިދިކޮޅު ފަރާތްތަކުން މި އެއްވުން ބާއްވަން ނިންމީ އެ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ބޭއްވުމަށް ގޮވާލުމަށާއި ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތުމަށް ގޮވާލައި އަޑުއުފުލުމަށެވެ.