ހަބަރު

މިނިވަން ދުވަހު ރައީސް ގައުމާ މުހާތަބު ކުރުން އަވަސްކޮށްފި

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިވެހި ގައުމާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާނީ މިމަހު 25 ވަނަ ދުވަހުގެ ރޭ 12:00 ގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާނީ މިމަހު 25 ވާ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ. މީގެ ކުރިން ރައީސް ގައުމާ މުހާތަބުކޮށް ވާހަކަދެއްކެވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު އޮންނާނީ އެ ރޭ 9:00 ޖަހާއިރު ގަލޮޅު ރަސްމީދަނޑުގަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ގައުމީ ކެޑޭޓް ކޯގެ ފަރާތުން މިނިވަންދުވަހާއި ގުޅުވައިގެން ބާއްވާ ޕެރޭޑާއި ރޫޓްމާޗް 27 ވަނަދުވަހު ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކޮށްލެއްވުން އޮންނާނީ 27 ވާ ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭގަ އެވެ.