ހަބަރު

އަންނަ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއް

އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ހަމަޖައްސަވައިފި އެވެ. ރައީސް އެގޮތަށް ނިންމެވީ މިނިވަން ދުވަހާ ގުޅިގެން ބާއްވާ ހެވިކަމުގެ ކުޅިވަރުތައް މާދަމާ ރެއަށް ފަސްކޮށްފައިވާތީ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި ސަރުކާރުގެ މުވައްޒަފުން ބައިވެރިވާ ކަމަށެވެ. މާދަމާ ރެއަށް ކުޅިވަރުތައް ފަސްކޮށްފައިވާތީ އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ މުވައްޒަފުންނާއި ދަރިވަރުންގެ ލުއި ފަސޭހައަކަށް ކަމަށެވެ.

ކުޅިވަރުތައް ފުރަތަމަ ބޭއްވުމަށް ރޭވީ މިރޭ އެވެ. ނަމަވެސް މިއަދު ހަވީރު ހޯމް މިނިސްޓްރީން ވަނީ ކުޅިވަރުތައް މާދަމާ ރެއަށް ފަސްކުރިކަން އިއުލާންކޮށްފަ އެވެ.