ހަބަރު

ޝަރީއަތް އަޑު އައްސަވަން މައުމޫން ކޯޓަށް

ދަރިކަލުން އަހުމަދު ފާރިސް މައުމޫންއާ ބައްދަލުކޮށް ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގެންފި އެވެ.

މިއަދު ރައީސް މައުމޫން ކުރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގެންނެވި މިއީ އެމަނިކުފާނު އެ ކޯޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި ފަހުގެ ތާރީހެއްގައި ވެސް ކޯޓަކަށް ވަޑައިގެންނެވި ފަހަރެވެ. ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަތަކުގައި ސިވިލް ކޯޓުގައި ކުރިއަށް ދިޔަ މައްސަލާގައި ވެސް ރައީސް މައުމޫން އަމިއްލަފުޅަށް ކޯޓަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. އަދި އެ މައްސަލަ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ދިޔައިރު ވެސް އެމަނިކުފާނުގެ ބަދަލުގައި އެ ކޯޓަށް ވަޑައިގެންނެވީ ދެ ދަރިކަނބަލުންނެވެ.

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށް މާފުށީ ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ފާރިސް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ޝަހުސު އޮޅުވާލުމުގެ މައްސަލާގެ އިބްތިދާއީ އަޑުއެހުމަށެވެ. އެ ދައުވާ ފާރިސްއަށް ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ހިލާފަށް ބޭނުންކުރި ކަމަށް ބުނެ އެވެ.

މިއަދުގެ އަޑުއެހުމަށް ރައީސް މައުމޫން ކޯޓަށް ވަޑައިގެންނެވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނަށް ތައުރީފް ކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ގައުމަށްޓަކައި ރައީސް މައުމޫން ސީދާ ހަރަކާތަށް ނުކުމެވަޑައިގެންނެވުމުން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އިރާދަފުޅުން ފާރިސް ނުހިފެހެއްޓޭނެ ކަމަށެވެ.

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށް، ފާރިސް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ޝަރީއަތް ނިމެންދެނެވެ. ނަމަވެސް އެ މައްސަލާގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ވެސް އަދި ފޮނުވާފައެއް ނުވެ އެވެ. އަދި ދައުވާކުރަން ފޮނުވައި ދައުވާ އުފުލައި ޝަރީއަތް ފަށާނެ ދުވަހެއް ވެސް ނޭނގެ އެވެ. ފާރިސް ހައްޔަރުކޮށްފައިވަނީ އޭނާ އިސްވެ ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަސައްކަތް ކުރައްވަމުން ދަނިކޮށެވެ.