ހަބަރު

ލީޑަރުންނަށް އިންޒާރު: މުޒާހަރާ ޣައިރުގާނޫނީ، ހުއްޓުވާނަން!

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލޭގައި މާދަމާ ބާއްވަން އުޅެނީ ޣައިރުގާނޫނީ އެއްވުމެއް ކަަމަށާއި އެކަމުގެ ޒިންމާ ޕާޓީތަކުގެ ވެރިން އުފުލަން ޖެހޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރުކޮށީގައި މިއަދު ދެއްވި ސްޓޭޓްމެންޓެއްގައި ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ގުޅިފަައިވާ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކަކީ އެޕާޓީތަކުގެ އިސްވެރިންގެ ވިސްނުމާ އެއްގޮތަށް ހިންގާ ހަރަކާތްތަކެއް ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވާ ކަަމަށެވެ.

" ... އެހެން ކަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ މި އެއްވުމަކީ ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ޒިންމާވާ ގޮތަށް ބާއްވާ އެއްވުމެއް ކަމަށް މައުލޫމާތު ލިބިފައި ވުމާއި އެކު ގާނޫނާ ހިލާފަށް ބާއްވާ މިފަދަ އެއްވުމަކާ ގުޅިގެން އެފަރާތްތަކުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ވާހަކަ އަޅުގަނޑުމެން ދަންނަވަން،" ޝިފާން ދެއްވި ސްޓޭޓްމެންޓްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާދަމާ އެއްވުން ބާއްވަން އިދިކޮޅު ފަރާތްތަކުން ކަނޑައަޅާފަައިވާ ސަރަހައްދަކީ ސްކޫލްތަކާއި ހޮސްޕިޓަލްތައް ހިމެނޭ ސަރަހައްދެއް ކަމަށާއި އެހެންވެ އެސަރަހައްދުގެ ޓްރެފިކަށާއި މީހުންގެ ޒާތީ ދިރިއުޅުމަށް ދަތިވާ ގޮތަށް އެއްވެސް އެއްވުމެއް ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅޭ އެއްވުމުގައި ބައިވެރި ނުވުމަށް ފުލުހުން ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"... ސިޔާސީ ބައެއް ފަރާތްތަކުން އެފަރާތްތަކުގެ ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ބާއްވާ ކުރަމުންދާ ކަންތައްތަކުގައި ބައިވެރިވެ، ގާނޫނާ ހިލާފު އަމަލުތަކުގެ ތެރެއަށް އެއްވެސް މީހަކު ހުށަނޭޅުމަށް މިފުރުސަތުގައި ހުރިހާ ރައްޔިތުންނަށް ފުލުހުން އިލްތިމާސް ކުރަން،" ޝިފާން ވިދާޅުވިއެވެ.

މާލޭގައި މުޒާހަރާ ކުރަން ހުއްދަދީފައިވާ ސަރަަހައްދު ކަމަށްވާ ކާނިވާ ސަރަހައްދުގައި ފިޔަވައި އެެހެން ތަންތަނުގައި ހުއްދަ ނުހޯދާ މުޒާހަރާ ކުރާނަމަ ހުއްޓުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކާނިވާ ނޫން ސަރަހައްދެއްގައި މުޒާހަރާ ނުކުރެވޭ ގޮތަށް ނިންމީ މިދިޔަ އަހަރުގެ ތެރޭގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަށް ފަހުގަ އެވެ. މީގެ ކުރިން އެއްވެއުޅުމުގެ ގާނޫނު އޮންނަ ގޮތުން، ފުލުހުންނަށް އެންގުމަށް ފަހު، ގްރީން ޒޯން ކަމުގައި ނުހިމެނޭ މާލޭގެ ކޮންމެ ސަރަހައްދެއްގައި އެއްވުންތައް ބޭއްވޭނެ އެވެ. އަދި އެއާޕޯޓާއި ބަނދަރު ފަދަ ތަންތަނުގައި މުޒާހަރާ ކުރުން ވަނީ ގާނޫނުން މަނާކޮށްފަ އެވެ.