ހަބަރު

މީޑިއާގެ މިނިވަންކަމަށް އެބަ ހުރަސް އަޅާ، ފިޔަވަޅު އަޅާނަން: އެމްއެމްސީ

ނޫސްވެރިންނަށް ގޮންޖެހުންތައް ކުރިމަތި ކުރުވާ ނޫސްވެރިކަމަށް ހުރަސް އަޅަމުން ގެންދާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށް އެފަދަ ކަންތައްތައް ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް އެ ކައުންސިލުން ގޮވާލައިފި އެވެ.

އެމްއެމްސީއިން ރޭ ނެރުން ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހާދިސާތަކާއި އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންގެ މައްސޫލިއްޔަތު އަދާ ކުރުމަށް އެކި ފަރާތްތަކުން ހުރަސް އަޅާ މީޑިއާތަކުގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅޭކަން ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް ގައުމުގައި ހިނގާ ކަންކަން ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދޭން ތިބި ބަޔަކީ ނޫސްވެރިން ކަމަށާއި އެ ފަރާތްތަކަށް ހުރަސް އެޅޭފަދަ ކަންކަން ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އެމްއެމްސީ ބުންޏެވެ.

"...މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލާ ފިޔަވަޅު އެޅުމަކީ މި ކައުންސިލްގެ ޒިންމާއެއް ކަމަށްވާތީ އެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަން. އަޅުގަނޑުމެންގެ އިލްތިމާސްއަކީ ނޫސްވެރިންގެ މައްސޫލިއްޔަތު އަދާ ކުރުމަށް ގާނޫނުން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެމްސީ އިން މިހެން ބުނެފައިވާ އިރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ގާނޫނީ ހިލާފަށް ކުރާ މުޒާހަރާތަކުގެ ލައިވް ކަވަރޭޖް ގެނެސްދޭ ފަރާތްތަކާ މެދު ފިޔަވަަޅު އަޅާނެ ކަމަށެވެ. އޭގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް މިއަދު ނެރުން ބަޔާނެއްގައި ބުނެފައިވާ ގޮތުން ޖަލުގައި ތިބި ފަރާތްތައް ހާމަ ކުރައްވާ މައުލޫމާތު މީޑިއާތަކުގައި ނުގެނެސްދިނުމަށް އެދޭ ކަމަށެވެ.