ހަބަރު

ހަމަސް ދުވަހު ބީއެމްއެލްގެ ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރު ފުރަތަމަ ހަމަސް ދުވަހު ޓެކްސް އަށް ނުކަނޑައި ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ ގައުމީ ބޭންކު، ބީއެމްއެލްގެ ބީއެމްއެލްގެ ފުރަތަމަ ހަމަސް ދުވަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ހަމަސް ދުވަހުގެ ތެރޭގައި ޓެކްސްއަށް ނުކަނޑައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އެއް މިންގަނޑަކުން އަޅާބަލާއިރު 17 ޕަސެންޓުގެ ކުރިއެރުމެކެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި މުއްދަތުގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވާއިރު ލޯނު ދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފަ އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ ރަނގަޅު މިންވަރެއްގައި ހިފަހެއްޓިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

ފުރަތަމަ ހަ މަސް ދުވަހު ލިބުނު ފައިދާ މަތިވެފައިވާ އިރު، ބޭންކުން ވަނީ މުހިންމު އިންވެސްޓްމަންޓްތަކެއްވެސް ކޮށްފަ އެވެ. އެގޮތުން ބޭންކުގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތިން ބްރާންޗާއި 11 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަލަށް ހުޅުވާފައިވެ އެވެ އަދި 30 ޖަމިއްޔާ އަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ އަދި މުޖުތަމައަށް ފައިދާހުރި ހަރަކާތްތައްވަނީ ހިންގާފަ އެވެ. ބޭންކުން މި އަހަރު ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން 22 ރަށަކަށް އޭގެ ފައިދާ ލިބި މިމަރުހަލާގެ ތެރޭގައި 150 އާ ވަޒީފާ އުފެދިގެން ދާނެ އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ކުރިން ލަފާކުރި މިންވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހާސިލް ކުރެވިފައިވާ ކަމަށާއި އެއީ ކަސްޓަމަރުންނާއި މުއައްޒަފުންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި ތަރުހީބުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށެވެ.

"އަޅުގަނޑުމެން ހިދުމަތްދޭ މުޖުތަމައުތަކާ އޮތްގާތްކަން އިތުރުކޮށް މުޖުތަމައުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރުމަށް ހިންގުނު 'އަހަރެންގެ ބޭންކް' ގެ ތެރެއިން ފެނުނު ގިނަ އަދަދެއްގެ އިވެންޓްތަކާއި ހަރަކާތްތައް ފާހަގަ ކޮށްލެވޭ. މި ކާމިޔާބީ ހިފެހެއްޓުމަށް އިތުރު މަސައްކަތްތައް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދާނަން" އެންޑްރޫ ހީލީ ވިދާޅުވި އެވެ.

ބޭންކުގެ ވިއުގަ މުޅިރާއްޖެއަށް ފުޅާ ކުރަމުންދާއިރު، ރާއްޖޭގެ 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.