ދުނިޔެ

15 އަހަރުން ދަށު ކުދިންގެ ކައިވެނި ހުއްޓުވަން ސައުދީ ޝޫރާކައުންސިލުން ލަފާދީފި

Jul 24, 2017
2

15 އަހަރުން ދަށުގެ އަންހެން ކުދިން ކައިވެނިކުރުން މަނާކުރަން ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލުން އެގައުމުގެ ޖަސްޓިސް މިނިސްޓްރީއަށް ލަފާދީފިއެވެ.

އަރަބިބަހުން ނެރޭ ނޫހެއް ކަމަށްވާ އޮކާޒް އާ ހަވާލާދީ އަރަބް ނިއުސް އިން ބުނީ ޝޫރާ ކައުންސިލުގެ ހުށަހެޅުމުގައި 15 އަހަރާ 18 އަހަރާ ދެމެދުގެ ކުދިންގެ ކައިވެނިކޮށް ދިނުމުގައި މިހާރަށް ވުރެ ހަރުކަށި ޝަރުތުތަކެެއް ކަނޑައަޅަން ބުނެފައިވާ ކަމަށެވެ. އެގޮތުން ކަނޑައަޅަން ބުނެފައިވާ ފުރަތަމަ ޝަރުތަކީ ކައިވެނިކުރާ އަންހެންކުއްޖާއާއި އޭނާގެ މަންމަގެ ރުހުން އޮތުމެވެ. އަނެއް ޝަރުތަކީ އަންހެންކުއްޖާ އަކީ ކައިވެނިކުރަން އެކަށީގެންވާ ޖިސްމާނީ، ނަފުސާނީ އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މެޑިކަލް ރިޕޯޓެއް އެކަމަށް ހާއްސަކޮށްފައިވާ ކޮމިޓީއަކުން ދީފައި އޮތުމެވެ.

ޝޫރާ ކައުންސިލްގެ މެމްބަރުން ވިދާޅުވެފައި ވަނީ ފުރާނަ ސަލާމަތް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމީ ޝަރީއަތަށް ފެށޭ ފިޔަވަޅުތަކެއް ކަމަށެވެ. އެއީ ޅައުމުރުގައި ކައިވެނިކުރުމުން ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާއީ މައްސަލަތައް ކުރިމަތިވާތީ ކަމަށް ވެސް އެބޭފުޅުން ވިދާޅުވެފައި ވެއެވެ.

ޝޫރާ ކައުންސިލްގެ މެމްބަރުން އަދި ވިދާޅުވެފައި ވަނީ ކައިވެނީގެ ކަންކަމުގައި ގަވައިދު ހެދުމަކީ އަޅުކަމުގެ ތެރެއަށް ފެތޭ ކަމެއް ނޫން ކަމަށާއި އެއީ ފުރާނަ ސަލާމަތްކުރުމާ ގުޅޭ ކަމަކަށް ވާތީ ބަދަލު ގެނެވޭނެ ކަމަށެވެ.


ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލަކީ ގަވައިދުތައް ހެދުމާއި އެކި ކަންކަމުގައި އިރުޝާދު ދިނުމާއި ގާނޫނު މާނަ ކުރުމުގެ އިހުތިޔާރު ދީފައިވާ ކައުންސިލެކެވެ. ނަމަވެސް އެ ކައުންސިލުން ހުށަހަޅާ ކަންތައްތަކަށް އަމަލުކުރާނީ ރަސްގެފާނު ސަލްމާން އެކަން ތަސްދީގު ކުރެއްވުމުންނެވެ.