ރައްޔިތުން މަޖިލީހުގެ އިދާރާއަށް ވަނުމަށް ހުރަސް އެޅުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން އިދިކޮޅު މަޖިލީސް މެންބަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.
މ. ކުނޫޒު އިން ހިންގަވާފައި ވަޑައިގެން އިދިކޮޅު ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަތުމަށް މަސައްކަތް ކުރި ވަގުތު ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާ ބާރުގެ ބޭނުންކޮށްގެން މަޖިލީސް މެންބަރުން ހިފެހެއްޓުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް މަޖިލީސް މެންބަރުން ދުވެފަ ފާރު މަތިން އަރައިގެން ވަނީ މަޖިލީހުގެ ތެރެއަށް ވަދެފަ އެވެ.
ނަމަވެސް މަޖިލީހަށް ވަދެވަޑައި ނުގަނެވުނު ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ގެ ގަޔަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފަ އެވެ. އަދި ފައިސަލް އަށް ވަރަށް ބޮޑަށް އަނިޔާވެ މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރައްވައިފަ އެވެ. ފައިސަލްގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހު ސައިކަލުތައް މައްޗައް ވެއްޓިފައިވާ އިރު ގިނަ މެންބަރުންނަށް ވަނީ ޕެޕާ ސްޕްރޭގެ އަސަރުކޮށް އަނިޔާވެފަ އެވެ.