ހަބަރު

ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި

ކުއްލި ގޮތަކަށް ހާލު ދެރަވެގެން އެޑްމިޓް ކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ގާސިމް ދޫކޮށްލާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލުން ކަށަވަރުކޮށްދެއްވަ އެވެ. ނަމަވެސް އެ މަނިކްފާނުގެ ހާލުކޮޅާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ގާސިމް ކޯޓަށް ވަޑައިގަތުމަށް ކާރުކޮޅުގައި އިންނަވަނިކޮށް ނޭވާ ކުރުވެ ހާލު ދެރަވެގެން އެޑްމިޓްކޮށްފައި ވަނީ މެޑިކާ ހޮސްޕިޓަލުގަ އެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ ވަަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އިމިގްރޭޝަން އިން ވަނީ ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާ ފުރުން މަނާކޮށްފަ އެވެ. އަދި ގާސިމް އެނބުރި އައިސް އެޑްމިޓް ކުރީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

ގާސިމްއަށް ފަރުވާ ދެމުން ގެންދިޔަ ޑޮކްޓަރު ކަމާ ބެހޭ ފަރާތްތަކަށށް ހުށަހަޅާފައިވާ ލިޔުމުގައި ބުނެފައި ވަނީ އެމަނިކުފާނު ބައެއް ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ކޮންމެހެން ވެސް ފުރާވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި އެމަނިކްފާނުގެ ހާލުކޮޅު ދެރަވަމުން ދާ ކަމަށާއި ގާސިމްގެ ފުއްޕާ މޭ ދުޅަވެފައިވާ ކަމަށެވެ.

ހަފްތާއެއްހަ ދުވަސް ފަހުން ގާސިމް ދޫކޮށްލާފައިވާ އިރު އެމަނިކުފާނުގެ މައްޗައް ކުރާ ދައުވާތަކުގެ އަޑު އެހުމެއް މާދަމާއަށް ވަނީ ތައާވަލުކޮށްފަ އެވެ. ގާސިމްގެ މައްޗައް ކުރާ ދައުވާތަކަކީ ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ.