ހަބަރު

ގޮނޑިއާމެދު އީސީން ގޮތް ނިންމީ ބަލަން ވާވަރަށް ނުބަލާ: ނަޝީދު

ޕާޓީން ކަނޑާލާ ކޮންމެ މެންބަރެއްގެ ގޮނޑިއަކީ، އޭނާގެ މަޖިލިސް ގޮނޑި ހުސްވާންޖެހޭފަދަ ވަކިކުރުމަކަށް ނުވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު ވިދާޅުވީ، މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނަށް ކަނޑަ އެޅެނީ ކޮންމެ މެންބަރެއްގެ މައްސަލަ ވަކިން ދިރާސާ ކުރުމަށްފަހު ކަމަށެވެ. ނަމަވެސް އެކަން އިލެކްޝަން ކޮމިޝަނުން ކޮށްފައިވޭތޯ ނަޝީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

އޭޖީ މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި މިފަހުން ސުޕްރީމް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން އިލެކްޝަން ކޮމިޝަނުން މަޖިލީހަށް، މެންބަރަކު އިންތިހާބުވި ޕާޓީއިން ވަކިވެއްޖެކަން އަންގައިފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އެ ހުކުމަށް ރިއާޔަތްކޮށް މަޖިލީހުގެ ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން އަމިއްލަ ހިޔާލު ފާޅުކުރައްވައި، މެންބަރު ނަޝީދު، އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު ލިޔުއްވާފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ މެންބަރުން އެ މަޖިލީހުގައި މިއަދު އެކުލެވިގެންވާ ގޮތަށް ބަލާއިރު، ޕާޓީ ޓިކެޓުގައި އިންތިހާބުވެ އެގޮތުގައި ތިބި މެންބަރުންނާއި، އަމިއްލަ މެންބަރެއްގެ ގޮތުގައި އިންތިހާބުވެ ފަހުން ޕާޓީއަކަށް ވަތް މެންބަރުންނާއި، ހޮވުނު ޕާޓީ ނޫން އެހެން ޕާޓީތަކުގައި ތިބި މެންބަރުންނާއި، ޕާޓީ ޓިކެޓުގައި އިންތިހާބުވި ނަމަވެސް، އެކި ސަބަބުތަކާ ހެދި އެ ޕާޓީން ވަކިކޮށްފައި ނުވަތަ ވަކިވެފައިވާ މެންބަރުންވެސް ހިމެނޭ ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުކުރުމުގައި އިލެކްޝަން ކޮމިޝަނުން ބައެއް ކަންކަމަށް ބަލަންޖެހޭނެ ކަމަށެވެ. ނަޝީދު ވަނީ އެފަދަ ތިން ކަމެއް ދައްކަވާފަ އެވެ. ފުރަތަމަ ކަމަކީ، ސުޕްރީމް ކޯޓުގެ ހުކުމް ބިނާކޮށް ގުޅުވާފައިވާ މިންގަނޑަކީ، އާންމު އިންތިހާބު ކަމުން، ގޮނޑި ގެއްލޭނީ ހަމައެކަނި ޕާޓީއަކުން ވަކިވުމުން ނޫން ކަމާއި އާންމު އިންތިހާބުގައި ވާދަކުރަން އޭނާ ބޭނުންކުރި ޓިކެޓު ނިސްބަތްވާ ޕާޓީން ވަކިކުރުމުންކަން ނުވަތަ ވަކިވުމުންކެމެވެ. އަދި ދެވަނަ ކަމަކީ، އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށްގެން އިންތިހާބުވި މެންބަރުން ސުޕްރީމް ކޯޓުގެ ހުކުމުގެ ތެރެއަށް އެއްވެސް ހާލަތެއްގައި ނުވަންނަކަމާއި، މުޅި ހުކުމް ބިނާވެފައިއޮތީ، އިންތިހާބުގައި ޕާޓީ ޓިކެޓުގައި ވާދަކުރާ މެންބަރުންގެ މައްޗަށް އެކަނި ކަމެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ނަޝީދު ފާހަގަކުރައްވާފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކުރާ ގޮތުން، ވަކިކުރުމުގެ މަރުހަލާތައް ނުވަތަ އޭގެން ބައެއް ނަމަވެސް ހިނގާފައިވަނީ، ހުކުމުގެ ކުރިން ކަމުގައިވާނަމަ، އެ ހުކުމް އެ މެންބަރެއްގެ މައްޗަށް ނުހިނގާނެކަމާއި، ސުޕްރީމް ކޯޓުގެ ހުކުމް ހިނގާނީ، އެ ހުކުމުގެ ފަހުން ޕާޓީން ވަކިވުމުގެ ނުވަތަ ވަކިކުރުމުގެ އިޖުރާއަތުތައް އަލަށް ފަށާ މެންބަރުންނަށް ކަމަށެވެ.

"ޕާޓީން ކަނޑާލާ ކޮންމެ މީހެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅަމުން ދިޔުމަކީ، ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާނުވިކަމަށް ބެލުމުގެ ފުރުސަތު ހުޅުވިގެން ހިނގައިދާނެ ކަމެކެވެ. އަދި، މަޖިލީހަށް އިންތިހާބުކޮށްފައިވާ މެންބަރުންގެ ހައްގަށްވެސް ނުހައްގުން އަރައިގަނެވެނީކަމަށް ބެލުމުގެ ޖާގަ ހުޅުވިގެންދާ ކަމަކަށް ވެދާނެ ކަމެކެވެ،" ނަޝީދު ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ނަޝީދު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅަންވާނީ، ބަލަންޖެހޭ ހުރިހާ ބެލުންތަކެއް ބެލުމަށްފަހު، ޝައްކަކަށް ޖާގަ ނުލިބޭވަރަށް ކަންކަން ޔަގީންކުރުމަށްފަހުގަ އެވެ. ރައްޔިތުން އިންތިހާބުކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ފޮނުވާ މެންބަރަކު، މަޖިލީހުން ވަކިކޮށް ގޮނޑި ހުސްވެއްޖެކަމަށް ކަނޑައެޅުމެގެ ބާރަކީ، ވަރަށް ޒިންމާދާރުކަމާއި ނުހަނު ފަރުވާތެރިކަމާއެކު އަދާކުރަންޖެހޭނެ، ބަރު އަދި ބުރަ ޒިންމާއެއް ކަމަށެވެ. އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ނިންމާފައިވާ ބައެއް ކަންކަމަކީ ބަލަންވާ ވަރަށް ނުބަލާ ނިންމާފައި ހުރި ކަންކަން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އޭގެ މިސާލު ވެސް ވަނީ ދައްކަވާފަ އެވެ.

އެގޮތުން ނަޝީދު ވިދާޅުވީ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދަކީ، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވި މެންބަރެއްކަމާއި އޭނާ ޕާޓީއަކާ ގުޅުނީ އޭގެފަހުންކަން، އެއީ، އާންމުކޮށް އެންގެން ހުރި މައުލޫމާތު ކަމަށެވެ. އީސީގައި ގަވާއިދުން ހުންނާނެ މައުލޫމާތު ކަމަށެވެ. އެހެންކަމުން އޭނާ ސުޕްރީމް ކޯޓުގެ ހުކުމުގެ ތެރެއަށް ވަންނާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުރިން ޕާޓީއަކުން ކަނޑާލިކަން އަންގާފައިވާ މެންބަރުންނަކީ، ނުވަތަ ހުކުމުގެ ކުރިން ވަކިކުރުމުގެ އިޖުރާއަތުތައް ފެށިފައިވާ ނުވަތަ ނިމިފައިވާ މެންބަރުންނަކީ، ސުޕްރީމް ކޯޓުގެ ހުކުމާއި އަމުރުގެ ތެރެއަށް ނުވަންނަ، އަދި، އެ ކޯޓުގެ އަމުރުގައި ބަޔާންކުރާ “މާޒީއަށް ދިޔުމާ ހިލާފު އުސޫލު” ގެ ރައްކާތެރިކަން ލިބިގެންވާ މެންބަރުން ކަމަށް ބެލެވިދާނެތީ، އެ މެންބަރުންނަކީ، އެ އަމުރުގެ މަންފާ ލިބެންވާނެ މެންބަރުން ކަމަށް ބެލުމުގެ ސާފު ޖާގަ އެބައޮތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު ޕީޕީއެމްއިން ވަކިކޮށްފައިވާކަން އެ ޕާޓީން ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ މާކުރިން އިއުލާންކޮށްފަ އެވެ.

އޭގެ އިތުރުން، ގޮނޑި ހުސްވިކަމަށް ކަނޑައެޅި މެންބަރުންގެ ތެރޭގައި ހޮވުނުއިރު އެހެން ޕާޓީއެއްގައި، އަދި ވަކިވިއިރު އެހެން ޕާޓީއެއްގައި ހުރި މެންބަރަކުވެސް އެބަހުއްޓެވެ. އެއީ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމެވެ. މާނައަކީ، އޭނާ ކަނޑާލީ، އޭނާ ހޮވުނު ޕާޓީއަކުން ނޫނެވެ. މިކަމަކީ، ސުޕްރީމް ކޯޓުގެ ހުކުމުގައި އަލިއަޅުވާލާފައިވާ ހާލަތެއްވެސް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މީހެއްގެ ދުސްތޫރީ ނުވަތަ ގާނޫނީ ހައްގަކަށް އަސަރުކުރާނެ އުސޫލެއް ތަންފީޒުކުރާ މީހާ ނުވަތަ ބަޔަކު، އެ އުސޫލެއް މާނަކުރަންވާނީ ހައްގަށް އުނިކަން އަންނަބައި ވީހާވެސް ހަނިކޮށް، ހައްގުގެ މަންފާ ލިބޭބައި ވީހާވެސް ފުޅާކޮށް، އެ އުސޫލުގެ ދަށުވާންދާ މީހާއަށް އެ އުސޫލުގެ މަންފާ އެންމެބޮޑަށް ލިބޭގޮތަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ބަލަންވާ ވަރަށް ބަލައި، ސުޕްރީމް ކޯޓުގެ ހުކުމުގެ މަންފާ މެންބަރުންނަށް ދެވެން އޮތް ހާލަތުގައި އެ މަންފާ ނުލިބޭ ގޮތަށް، ގޮނޑި ހުސްވެއްޖެ ކަމަށް ބަލަމުން ދިޔުމުން، އޭގެ ނަތީޖާއަކަށް ވަނީ، ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން ހައްލެއް ލިބޭތޯ އެ މެންބަރު އުޅެންޖެހުން ކަމަށެވެ. ގޮނޑި ގެއްލުނު ހަތަރު މެންބަރަކު މިހާރު ވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.