ހަބަރު

މަޖިލީހުގައި އެޅި ފިޔަވަޅުތަކަކީ ސިފައިން ކުރިކަމެއް: ރައީސް އޮފީސް

Jul 25, 2017
12

އިއްޔެ މަޖިލީހުގެ އިދާރާގެ ސަލާމަތާއި ރައްކާތެރި ކަމަށް އެޅި ހުރިހާ ސަލާމަތީ ފިޔަވަޅުތަކެއް އެޅީ ސީދާ ދިވެހި ސިފައިން ކަމަށާއި އެކަމުގައި ސަރުކާރަށް ކުރާ ތުހުމަތުގައި އަސްލެއް ނެތް ކަމަށް ބުނެ ރައީސް އޮފީހުން މިއަދު ބަޔާނެއް ނެރެފި އެވެ.

މިބަޔާން ނެރުނު އިރު އިނގިރޭސިން ބަހުން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީސް ބަންދު ކުރީ ސަރުކާރުގެ އެންގުމަކަށް ކަމަށެވެ.

އިއްޔެ މަޖިލީހުގެ ތެރެއަށް ސިފައިން ވަދެ ހިންގި އޮޕަރޭޝަނާ ގުޅިގެން ހަގީގަތް އޮޅޭ ގޮތަށް މީޑިއާތަކުން ހަބަރު ފަތުރާ ކަމަށް ބުނެ ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި މަޖިލީހުން ރޭ ނެރުނު ނޫސް ބަޔާނާ ހަވާލާދީ ބުނީ، މަޖިލީހުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަންތައްތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން ގޮވާލާފައި ވާތީ މަޖިލީހުގެ ސަލަމާތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސިފައިންނަށް އަންގާފައި އޮތީ ރައްޔިތުން މަޖިލީހުގެ އިދާރާއިން ކަމަށެވެ.

މި ކަމަށް މަޖިލީހުގެ އިދާރާއިން އެދުމުން މަޖިލީހުގެ ސަލާމަތާއި ރައްކާތެރި ކަމަށް އެޅި ފިޔަވަޅު ތަކަކީ ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ ދަށުން ރައްޔިތުން މަޖިލީހުގެ ގޯތި ތެރެއާއި ސަލާމަތީ ކަންކަން އެންމެ ފުރިހަމަޔަށް ކަށަވަރު ކުރުމުގެ ގޮތުން ސިފައިން އެޅި ހާއްސަ ފިޔަވަޅުތަކެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގައި އެމްއެންޑީއެފް އިން މިއަދު އެޅުއްވި ހާއްސަ ފިޔަވަޅުތަކަކީ، 24 ޖުލައި 2017 ގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާއިރު، އެ ދުވަހު މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަނުޖެހުން ހިނގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާތީ، ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށްޓަކައި އެމްއެންޑީއެފް އިން އެޅުއްވި ހާއްސަ ފިޔަވަޅުތަކެކެވެ،" ބަޔާނުގައިވެ އެވެ.

ރައީސް އޮފީހުން ބުނީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އެހެން ކަމުން އެކަމަށް ހުރަސް އެޅޭ ގޮތަށް މީޑިއާތަކުން ހަގީގަތް އޮޅި ހަމަނުޖެހުން އުފެދޭ ގޮތަށް މީޑިއާ ރިޕޯޓްތައް ނުގެނައުމަށް ވެސް ރައީސް އޮފީހުން ވަނީ އެންމެހާ މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ.

މަޖިލީހުގައި އެޅި ފިޔަވަޅުތަކުގައި ސަރުކާރުގެ އަތެއް ނެތް ކަމަށް ދޭހަވާ ގޮތަށް ބަޔާން ނެރުނު އިރު، އިއްޔެ ހެނދުނުން ފެށިގެން މަޖިލީހުގެ ހުރިހާ ގޭޓްތަކުގައި ތަޅު އަޅުވައި މަޖިލީހުގެ ސެކިއުރިޓީ ސިފައިން އޮތީ ވަރުގަދަ ކޮށްފަ އެވެ. އަދި މަޖިލީހުގެ އިރުމަތީ ފަރާތު ދޮރުން ވެސް މަޖިލީހުގެ އިދާރާގެ މުވައްޒަފުން ވެސް ވައްދަމުން ދިޔައީ ސްކްރީން ކޮށްގެން އެވެ. މިހާ ބޮޑަށް ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށް އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ގޭޓް މަތިން ފުންމާލައިގެން މަޖިލީހުގެ ތެރެއަށް ވަދެފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ރަޔަޓް ގިޔަރުގައި ތިބި ސިފައިންގެ ވަރަށް ގިނަ ބަޔަކު މަޖިލިސް ތެރެއަށް ވަދެ ގަނެ، މަޖިލިސް މެންބަރުން ގަދަކަމުން އިދާރާއިން ނެރުނެވެ. މި ކަންތައްތަކުގެ ތެރޭގައި މެންބަރުންނަށް އެކި ވަރުގެ އަނިޔާވެ، ދެ މެންބަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދިނެވެ.