ދުނިޔެ

ޓްރަމްޕް ސަރުކާރުގެ އެތެރޭގައި ބޮޑު ނުތަނަވަސްކަމެއް

Jul 25, 2017

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ސަރުކާރަށް ޑިޕްލޮމެޓިކް ދާއިރާއިން ކުރިމަތިވި ނާކާމިޔާބީ ތަކާ ހެދި އެސަރުކާރުގެ އިސް ބައެއް ފަރާތްތަކުގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދި ބައެއް ބޭފުޅުން އިސްތިއުފާ ދެއްވާ ހިސާބަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ބައެެއް މީޑިއާތަކުން ބުނެފިއެވެ.

ރޮއިޓާސް ބުނީ އަރައިރުމެއް ހިނގަނީ އެމެރިކާއިން ބައިނަލް އަގުވާމީ މުޖުތަމައުގައި ކުރިއްސުރެ ގެންގުޅެމުން އައި ސިޔާސަތުތައް ދަމަހައްޓަން އެދިވަޑައިގަންނަވާ ބޭފުޅުންނާއި " އެމެރިކާ ފަސްޓް" ސިޔާސަތު ކުރިއަށް ނެެރުއްވަން އުޅުއްވާ ބޭފުޅުންނާ ދެމެދު ކަމަށެވެ.

" އެމެރިކާ ފަސްޓް" ސިޔާސަތަކީ ބައިނަލް އަގުވާމީ ކަންކަމުގައި އެމެރިކާއަށް ފައިދާވާ ކަންކަމަށް އިސްކަން ދިނުމުގައި އެހެން ގައުމުތަކުގެ ރައުޔަށް ރިއާޔަތް ނުކުރުމުގެ ސިޔާސަތެކެވެ.

އެމެރިކާގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން އޭނާގެ އެކުވެރިންނަށް ވިދާޅުވި ކަމަށް ނޫސްތަކުން ބުނީ " މަގާމުގައި އަހަރެއް ވަންދެން ދެމި ހުންނެވުނަސް އެއީ ނަސީބެއް" ކަމަށެވެ.

އެހެން އޮފިޝަލަކު ވިދާޅުވެފައި ވަނީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗްއާރް މެކްމާސްޓާ ވެސް ހުންނެވީ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެންފައެވެ. އެއީ ބައެއް ސިޔާސަތުތަކާ ގުޅޭ ކަންކަމުގައި ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އެއްވެސް އުސޫލެއް ނެތުމުން ކަމަށް ވެސް އެއޮފިޝަލް ރޮއިޓާސް އަށް ވިދާޅުވެފައި ވެއެވެ.

ނަމަވެސް މީޑިއާގައި ފެތުރިފައިވާ ވާހަކަތައް ވައިޓްހައުސް އިން ވަނީ ދޮގުކޮށްފައެވެ. އެގޮތުން ބުނެފައި ވަނީ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނީ ހިތްޕުޅު ހަމަޖެހިވަޑައިގަތުމާ އެކުގައި ކަމަށެވެ.