ހަބަރު

ވަކީލުން ހަމަޖައްސަން އަންގައި ގާސިމްގެ ޝަރީއަތް މިރެއަށް ތާވަލްކޮށްފި

ގާސިމްއަށް ވަކީލުން ހަމަޖެއްސުމަށް ފުރުސަތު ދީ މިރޭގެ ވަގުތެއްގައި ވަކީލުންނާ އެކު އިތުރު އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ގާސިމް މިއަދުގެ ޝަރީއަތަށް ހާޒިރުވެ ވަޑައިގެން ނަމަވެސް ލޯޔަރުން ވަޑައިނުގަތުމުން ގާސިމްގެ ޝަރީއަތް ވަނީ ކުރިއަށް ނުގެންދެވޭ ގޮތް ވެފަ އެވެ.

އެކަމާ ގުޅިގެން މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ގާސިމްގެ ފަރާތުން އެދުނީ ވަކީލުން ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެހެން ނަމަވެސް ގާޒީ ނިންމެވީ، މިދިޔަ ދުވަސްތަކުގައި ވެސް ގާސިމްގެ ބަލިހާލަތާ ގުޅޭ ގޮތުން ވެސް އޭނާގެ ވަކީލުން މީޑިއާތަކުގައި މައުލޫމާތު ދީފައި ވާތީ، 10 ދުވަހުގެ މުއްދަތެއް ނުދިން ނަމަވެސް ގާސިމް ވަކީލުން ހަމަޖެއްސޭނެ ކަމަށް ގަބޫލު ކުރެވޭތީ މިރޭ އިތުރު އަޑުއެހުމެއް ބޭއްވުމަށެވެ. އެގޮތުން މިރޭ 8:30 ގައި ވަކީލުން ހަމަޖައްސައި އަޑުއެހުމެއް ބޭއްވުމަށް ޝެޑިއުލް ކުރިކަން ގާޒީ އިއުލާން ކުރި އެވެ.

ޝަރީއަތުގެ މަޖިލީހުން މިއަދު ނިންމި ގޮތުގައި ގާސިމްގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާނީ އެ ކޯޓުން މައްސަލަ ބާތިލްކުރި ހިސާބުން ފެށިގެން އެވެ. ކްރިމިނަލް ކޯޓުން ގާޒިމްގެ މައްސަލަ މީގެ ކުރިން ބޭރު ކުރީ ޕީޖީގެ ވަކީލުން ހާޒިރު ނުވި ކަމަށް ބުނެ އެވެ.

ގާސިމްގެ މައްޗައް ކުރާ ދައުވާތަކަކީ ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ.