ހަބަރު

ގައުމީ ސަލާމަތަށް ނުރައްކާވާ ޓީވީއެއްގެ ލައިސަންސް ސަސްޕެންޑް ކުރާނެ: ސޮފްވާން

Jul 25, 2017
14

ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ބްރޮޑްކާސްޓް ކުރާ ސްޓޭޝަންތަކުގެ ލައިސަންސް ވަގުތީ ގޮތުން ސަސްޕެންޑް ކުރުމުގެ ބާރު ބްރޮޑްކާސްޓިން ކޮމިޝަނަށް އެބަ އޮތް ކަމަށް އެ ކޮމިޝަންގެ މެންބަރު އިސްމާއިލް ސޮފްވާން ވިދާޅުވެއްޖެ އެވެ.

"އަވަސް" އިން ކުރި ސުވާލެއްގެ ޖަވާބުގައި ސޮފްވާން ވިދާޅުވީ ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ހ ގެ ދަށުން ޓީވީތަކުގެ ލައިސެންސް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު އެ ކޮމިޝަނަށް ލިބޭ ކަމަށެވެ. ސޮފްވާން ވިދާޅުވީ ބައެއް ޓީވީތަކަށް ތަކުރާރުކޮށް އެންގުމުން ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާ ނަމަ އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ހ ގައި އަޅުގަނޑުމެންނަަށް އެ ބާރު ލިބިގެންވޭ ލައިސަންސް ސަންޕެންޑް ކުރަން. މިއަދު ބައެއް ސްޓޭޝަންތަކުން އަމަލުކުރާ ގޮތުން އެއީ ވެސް ކޮމިޝަނުން ބޭނުން ކުރަން ޖެހޭ ބާރެއް ކަމަށް އަޅުގަނޑު ދެކެނީ،" ސޮފްވާން ވިދާޅުވި އެވެ.

ސޮފްވާން މިހެން ވިދާޅުވި އިރު ބްރޯޑްކޮމް އިން މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ރާއްޖެއަށް ދިމާވެފައި މިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ގައުމުގެ އަމަން އަމާންކަން ގެއްލޭ ގޮތަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން ގާނޫނާ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ އެއްވުންތަކާއި މުޒާހަރާތައް ލައިވްކޮށް ދައްކާ ޗެނަލްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.