ހަބަރު

ބާރުތައް ވަކިވެފައި އޮތުމަށް، މަޖިލީހުގެ މަސައްކަތަށް ޖާގަދޭން ޖެހޭ: ޓީއެމް

ބާރުތައް ވަކިވެފައި އޮތުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޖާގަދޭން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް ( ޓީއެމް) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި އިއްޔެ ހިނގި ކަންތައްތަކާ ގުޅިގެން ޓީއެމް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑިމޮކްރެޓިކް މުއައްސަސާތައް ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް ހިނގުމުގެ މުހިއްމުކަން ފާހަގަ ކުރާ ކަމަށެވެ.

" މިއުސޫލުން ބަލާއިރު ކުރު މުއްދަތުގެ ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ގާނޫނާ އެއްގޮތަށް ހިނގާ ޕާލަމެންޓްގެ މަސައްކަތަށް ހުރަސް އަޅައިގެން ނުވާނެއެވެ،" ޓީއެމްގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ މަޖިލިސް ހިސާރުކޮށް، ޕާލަމެންޓްގެ ތެރެއިން މެމްބަރުން ނެރުމަށް ބާރުގެ ބޭނުންކުރުމަކީ ބާރުތައް ވަކިވެ އޮތުމަށް ހުރަސް އެޅި ޑިމޮކްރަސީގެ މުހިއްމު މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.

" އިދިކޮޅު ޕާލަމެންޓް މެމްބަރުންނަށް ގޯނާކުރުން ހުއްޓާލައި އާއްމު އުސޫލުން ޕާލަމެންޓްގެ މަސައްކަތްތައް ފެށުމަށް ޖާގަދޭން އަހަރެމެން ވަރުގަދައަށް ގޮވައިލަމެވެ،" ޓީއެމްގެ ބަޔާނުގައި ވެއެވެ.

ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމާއި މީޑިއާގެ މިނިވަން ކަަމަށް ހުރަސް އަޅަމުންދާތީ އެކަމާ ވެސް ޓީއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދޮރާއްޓެއްގައި އިއްޔެ ހެނދުނުވީ އިރު ހުރީ ތަޅު އަޅުވާފައެވެ. އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން އިއްޔެގައި މަޖިލިސްކުރާ ގެއަށް ވެދެވަޑައިގެންނެވުމަށް ފުލުހުން ހުރަސް އެޅިއެވެ. ނަމަވެސް ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައި ބައެއް މެމްބަރުން އެތަނަށް ވަނެވެ. އެ މެމްބަރުން މަޖިލީހުގެ ގޯތި ތެތެއިން ނެރުނީ ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަދެގެންނެވެ.