ހަބަރު

އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ބާތިލްކޮށްފި

ގާނޫނު އަސާސީގެ ގޯސް މާއްދާއަކާ ހަވާލާދީފައިވާތީ ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލް ކަމަށް މަޖިލީހުގެ ރިޔާސަތުން ނިންމައި އެކަން މަޖިލީހުގެ މެންބަރުންނަށް އަންގައިފި އެވެ.

މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި އެސްއެމްއެސްއެއްގައިބުނެފައި ވަނީ މެންބަރުން ހުށަހެޅި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން ހުށަހެޅި ގަރާރެއް ކަމަށާއި ނަމަވެސް އެ ގަރާރަކީ 82 ވަނަ މާއްދާގެ ދަށުން ހުށަހެޅޭނެ ގަރާރެއް ނޫން ކަމަށެވެ. އެހެންކަމުން އެ ގަރާރަކީ މަޖިލީހުގެ ރިޔާސަތުން ބާތިލް ގަރާރެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް އެ އެސްއެމްސްގައި ވަނީ ބުނެފަ އެވެ. އެ ގަރާރުގައި ހަވާލާދީފައިވާ މާއްދާއަކީ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ މާއްދާއެއް ނޫނެވެ.

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމާއި އެ ދެ ބޭފުޅުން މަގާމުން ވަކިކުރެވޭނެ ހާލަތްތަކެވެ.

އިދިކޮޅު މެންބަރުން އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 24 މެންބަރުންގެ ސޮޔާ އެކު އެވެ.

މީގެ ކުރިން އިދިކޮޅު ފަރާތްތަކުން 45 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރުވެސް ވަނީ މަޖިލީހުން ބާތިލްކޮށްފަ އެވެ. އެ ގަރާރު މަޖިލީހުގެ ބާތިލް ކުރީ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލުމުން ރައީސްގެ އިތުބާރު ނެތް ކަމަށް ބޭނުންވާ އަދަދަށް ސައްހަ ސޮއި ގަރާރުގައި ނެތް ކަމަށް ބުނެ އެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.