ހަބަރު

އުމަރުގެ އަބުރާ ބެހިގެން ޕީއެސްއެމް ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގަނެ ދެއްކެވި ވާހަކަ ޓީވީއެމުން ދައްކާފައިވާތީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ބްރޯޑްކޮމުން ބުނީ އެ ކޮމިޝަނަށް މިދިޔަ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު ހުށާހަޅާފައިވާ މައްސަލައެއް ކަމަށްވާ، އެޕްރީލް 2017 ވަނަ ދުވަހުގެ ރޭ 21:00 ން 21:23 އަށް ޓީވީއެމް އިން ލައިވްކޮށް ގެނެސްދިނުމުގައި އުމަރު ނަސީރުގެ މައްޗަށް ތުހުމަތުތަކެއްކޮށް މީހަކު ދައްކާފައިވާ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާތީ އެފަދަ ކޮންޓެންޓެއް ޕީއެސްއެމް އިން ދައްކާފައިވާތީ އެ ކޮމިޝަން ޖޫރިމަނާ ކޮށްފައިވާ ކަަމަށެވެ.

ބްރޯޑްކޮމުން ބުނީ އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގައިވާގޮތުން “ބްރޯޑްކާސްޓް ކުރުމަށް ރާއްޖޭގައި އުފެއްދޭ ޕްރޮގުރާމްތައް ހުންނަންވާނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ފެތޭގޮތަށް ތައްޔާރުކުރެވިފައި” ކަމަށް ބަޔާންކޮށްފައި ވުމާއި ކޮންޓެންޓްގެ ލައިވް ފީޑް މެދުކަނޑާލުމަށް އެދި ޕީއެސްއެމަށް ޝަކުވާއެއް ހުށަހަޅާފައި ނުވުމަކީ އެ ކޮންޓެންޓެއްގެ މައްސަލަ ފަހުން ނުބެލޭނޭ ގާނޫނީ ހަމައެއް އޮތްކަމެއް ކަމަކަށް ނުދެކޭ ކަމަށެވެ.

އަދި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 27ވަނަ މާއްދާ “ބްރޯޑްކާސްޓްކުރާ ކޮންޓެންޓަށް ޒިންމާވުން” ގެ ދަށުން ޓީވީއެމް އިން ގެނެސްދިން ލައިވް އިވެންޓްގައިވާ އަބުރު ރައްކާތެރިކށްދިނުމާއި ހިޔާލު ފާޅުކުމުގެ މިނިވަންކަމުގެ ޤާނޫނުގެ މާއްދާތަކާއި ޚިލާފު ވެފައިވާ ކޮންޓެންޓަށް ޒިންމާވާން ޖެހޭނޭކަމަށް ބްރޯޑްކޮމުން ބުންޏެވެ.

"4 އެޕްރީލް 2017ގައި ބޭއްވި ޕީޕީއެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ހ. ދޮންޖޭމުގޭ އުމަރު ނަސީރުގެ އަބުރަށް އަރައިގަނެ ދެއްކެވި ވާހަކަފުޅު މެދުކަޑާނުލާ އެ އިވެންޓް ޓީވީއެމް އިން ފޮނުވާފައިވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ބުނާ ކޮންޓެންޓް ޕީއެސްއެމުން ސިޓީއިގައި އިއުތިރާފްވެފައިވާތީއާއި، އެކޮންޓެންޓްގެ ދިފާއުގައި ގާނޫނީ އެއްވެސް ހުއްޖަތެއް އެމީޑިޔާއަށް ދެއްކިފައި ނުވާތީ، އަދި ޕީއެސްއެމުން ހިލާފްވާ ފުރަތަމަ ފަހަރުކަމަށްވާތީ، ޕީއެސްއެމް ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް ޕަބްލިކް ސާވިސް މީޑިއާއަށް އަންގަން"