ހަބަރު

ރާއްޖޭގައި ހުންނަވައިގެން ނަވާޒު ޝަރީފްގެ ބަހުގެ ހަމަލާތަކެއް އިންޑިއާއަށް

  • އިންޑިއާއިން ސާކުގެ ޗާޓަރާ ވަނީ ހިލާފުވެފައި
  • އިންޑިއާއިން އެކަން ވަނީ ތަކުރާރުކޮށްފައި
  • ޕާކިސްތާނު ސަމިޓަށް ރައީސް ޔާމީން ތާއީދުކުރޭ

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ވެރިންގެ ސަމިޓް ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި މިދިޔަ އަހަރު ބާއްވަން އުޅުމުން އެ ސަމިޓް ލަސްކުރީ އިންޑިއާއިން ކަަމަށް ވިދާޅުވެ، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު އިންޑިއާއަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ އިހުތިފާލުތައް ޝަރަފްވެރިކޮށްދެއްވުމަށް ރާއްޖެއަށް ވަޑައިގެން ރައީސް އަބުްދުﷲ ޔާމީން އަރިހުގައި މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި ނަވާޒް ޝަރީފު ވިދާޅުވީ އިންޑިއާއިން މަސައްކަތް ކުރަމުންދަނީ ސާކްގެ ޗާޓަރުގެ ރޫހާ ހިލާފަށް ކަމަށެވެ. ޒަމާނުއްސުރެ ވާދަވެރިކަން އޮންނަ އިންޑިއާޔާ މުހާތަބު ކުރައްވާ ނަވާޒް ޝަރީފް ވިދާޅުވީ މިފަދަ ގޮތަކަށް އިންޑިއާއިން އަމަލު ކުރި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި ތަކުރާރުކޮށް އިންޑިއާއިން މި ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

"އެންމެ ފަހު ސާކް ސަމިޓް ބާއްވަން އުޅުނު ފަހަރަކީ ސަމީޓް ލަސްކުރަން މަސައްކަތްކޮށް، އިންޑިއާއިން ސާކްއަށް ގެއްލުން ދިން ހަމަ އެކަނި ފަހަރެއް ނޫން. އިންޑިއާއިން ވަނީ ހަތަރު ފަހަރެއްގެ މަތިން އެގޮތަށް ކަންތައްކޮށްފައި. އެދި އެގައުމުން ވަނި ދެގައުމުގެ ދެމެދުގައިި އޮތް މައްސަލަތައް ވައްދައިގެން ސާކްގެ ޗާޓަރުގެ ރޫހާ ހިލާފަށް ކަންތައްކޮށްފައި،" ޝަރީިފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްލާމް އާބާދުގައި ސާކް ސަމިޓް ބޭއްވުމަށް ރައީސް ޔާމީނު ތާއީދު ކުރައްްވާތީ ޕާކިސްތާނުން އެމަނިކުފާނަށް ޝުކުރުވެރިވާ ކަމަށެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބާއްވަން އުޅުނު 19 ވަނަ ސާކް ސަމިޓް ލަސްކުރަން ޖެހުނީ ޕާކިސްތާނުހައި ދިން ޓެރަރިސްޓް ހަމަލާ ތަކަކާ ގުޅިގެން އިންޑިއާއިން އެ ސަމިޓް ބޮއިކޮޓް ކުރުމާ ގުޅިގެންނެވެ. ސަމިޓް ލަސްކޮށްފައި ވަނީ ބާއްވާނެ ވަކި ތާރީހެއް ކަނޑަނާޅައެވެ.

ނަވާޒު ޝަރީފް ރާއްޖޭގައި ހުންނަވާ އިންޑިއާއަށް ފާޑު ވިދާޅުވި އިރު ޒަމާނުއްސުރެ ވެސް ރާއްޖެއަކީ އިންޑިއާޔާ އެންމެ ގާތް ހާރިޖީ ގުޅުމެއް ބާއްވަމުން އަންނަ ގައުމެވެ. އަދި ސަރަހައްދުގައި ހިނގާ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ރާއްޖެ ނުވަދެ ރާއްޖެއިން ތިބެނީ އެފަދަ މައްސަލަތަކާ ދުރުގަ އެވެ.